ކޯވިޑް-19

މިއީ އިޤްތިޞާދު ޑިޖިޓަލްކުރަންޖެހޭ ވަގުތު- އައިއެމްއެފް


މިއީ ދުނިޔޭގެ އިޤްތިޞާދު ޑިޖިޓަލްކުރަންޖެހޭ ވަގުތުކަމަށާއި އެކަމަށް މަގުފަހިކުރުމަށް މަސައްކަތްކޮށްދިނުމަށް ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފުން ގޮވާލައިފިއެވެ.

އެމެރިކާގެ މީޑިއާ ކުންފުންޏެއްކަމަށްވާ ޕޮލިޓިކޯއިން ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ އިވެންޓެއްގައި ވާހަކަދައްކަވަމުން އައި.އެމް.އެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖިވާ ވިދާޅުވީ، ކޯވިޑް-19އާއެކު ޤައުމުތައް ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އޮންލައިންކޮށް ތަފާތު ޚިދުމަތްތައް ހޯދާ ނިސްބަތް އިންތިހާއަށް އިތުރުވެ، އެކަމުގެ ފައިދާ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ކުރަމުންދާކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔަނަމަވެސް، ޤައުމުތަކުގެ މެދުގައި އޮތް ތަފާތުކުރުންތައް ނައްތާލާ، ރިކަވަރީ ފަންޑުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ މައްސަލަތައްފަދަ މުހިއްމު ދާއިރާތަކަށް މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވިފައިވާކަމަށް ޖޯޖިވާ ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި މާލީ ނަފާއެއް ހޯދުމަށްވުރެ ބޮަޑަށް ޒިންމާދާރުކަމާއެކު ޚިދުމަތްދިނުމުގެ ސަޤާފަތެއް ޓެކް ކުންފުނިތަކުގެ ލީޑަރުންގެ ފަރާތުން ފެނިގެންދިއުމަކީ އުއްމީދެއްކަމަަށް އޭނާ ވިދާޅުވިއެވެ.

ޖޯޖިވާ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި، އެންމެ ބޮޑު ކާމިޔާބީއެއް ހޯދަމުންދަނީ ޑިޖިޓަލް އިކޮނޮމީއާއި، އީ-ކޮމާސް، އީ-ގަވަރމަންޓް އަދި އީ-ލަރނިންގގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތައްކަމަށެވެ.

"ޑިޖިޓަލް ކުންފުނިތަކުން ދެމުންދާ ޚިދުމަތްތަައް ފަސޭހައިން މީހުންނަށް އެކްސެސްވެވޭނެހެން، މުޅި މުޖުތަމަޢުގެ ފައިދާއަށް ބައްޓަންކުރަންޖެހޭ. އަދި ޑިޖިޓަލް އިކޮނޮމީއަކަށް އިންޓަރނެޓްގެ ވަޞީލަތްތައް ކަށަވަރުވެފައިހުރުން ވަރަށްވެސް މުހިއްމު" ޖޯޖިވާ ވިދާޅުވިއެވެ.

އައި.އެމް.އެފްގެ ޑިރެކްޓަރ ޖެނެރަލް ޖޯޖިވާ ވިދާޅުވީ، ކޯވިޑް-19 ޕެންޑަމިކްއާއި އޭގެ ސަބަބުން ކުރިމަތިލާންޖެހިފައިވާ ޢިޤްތިޞާދީ ލޮޅުންތަކާއެކު ހަމަހަމަކަން ގެއްލި، ތަފާތުކުރުން އިންތިހާއަށް އިތުރުވެދާނެކަމުގެ ބިރު އެބައޮތްކަމަށެވެ. އަދި އެކަންކަން ވީހާވެސް ކުޑަކުރުމަަށް ޤައުމުތަކުން އަވަސް ފިޔަވަޅުތަކެއް އަޅާ، ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، މީހުންގެ ވަޒީފާތައް ކަށަވަރުކޮށްދެވިއްޖެނަމަ، މި ދަތި ޙާލަތުން އަރައިގެނެވޭލެއް އަވަސްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ 170 އަށްވުރެ ގިނަ ޤައުމުގެ އިޤްތިޞާދު ކުރިއަރާ މިންވަރު މިއަހަރުގެ މާރިޗުމަހުން ފެށިގެން ދަށަށްދާން ފަށާފައިވާކަމަށް އައި.އެމް.އެފުން ބުނެއެވެ. އަދި ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މި ހާލަތުން އަރައިގަތުމަށް އެހީގެ ގޮތުގައި އެއް ޓްރިލިއަން ޑޮލަރު ހޭދަކުރުމަށް އެ ފަންޑުން ތައްޔާރަށް އޮތްކަމަށްވެސް އައި.އެމް.އެފުން ވަނީ އޭޕްރީލްމަހު ހާމަކޮށްފައެވެ.