ޚަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު ރައީސް ތަސްދީޤްކުރައްވައިފި


މިހާރު ފެތުރެމުންދާ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރްއްވައިފިއެވެ. މި ޤާނޫނު ތަސްދީޤްކުރެއްވުމުން މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެ ބިލު ފާސްކުރެއްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ.

މިދިޔަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތަޢާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައި ވަނީ ރާޢްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީްްކުރެއްވި ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގައި ބަޔާންކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ ރާއްޖޭގައި މިހާރު އޮތް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިކަން އެކަމާއި ގުޅޭ އިދާރާއަކުން އިޢުލާންކުރުމުންކަމަށާ، އިންތިޚާބު ބޭއްވޭނެކަން އިޢުލަންކުރަންވާނީ 12 މާރޗްގައި އިޢުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައުމަށްފަހު، އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމުގައި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައެޅުމަށްފަހުކަމަށްވެސް މި ޤާނޫނުގައިވެއެވެ.

އަދި އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި، އިންތިޚާބާގުޅޭ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ތާރީޚަކާއި، އިންތިޚާބު އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރަންވާނެކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެެއެވެ.

މީގެ އިތުރުން އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށްވެސް މި ޤާނޫނުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއިއެކު އެމީހުން ކުރިން ތިބި މަޤާމަށް ރުޖޫއަވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ. އަދި މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެ މުވައްޒަފުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން އެމީހުން އަލުން ސަސްޕެންޑްކުރެވެންދެން، އިންތިޚާބާ ގުޅޭގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެމީހުން ކުރިއަށްގެންގޮސްގެން ނުވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ މި ޤާނޫނު ތަސްދީޤު ކުރުމާއެކު އިންތިޚާބާ ގުޅިގެން ސަސްޕެންޑްވި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން ވަނީ އުވިފައެވެ.