މާލެ ސަރަޙައްދުގެ ފުރަބަންދުގެ އުސޫލާއި ޚިލާފުވި ތިން ހާހަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށް 164 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއި ގުޅިގެން މަގުތަކަށް ނުކުތުން މަނާކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކުގައިވެސް މަގުމައްޗަށް ނުކުމެވޭނީ ފުލުހުންގެ ޚާއްޞަ ހުއްދައެއް ލިބިގެންނެވެ. ނަމަވެސް ފުލުހުން ދޫކުރާ ހުއްދައާއި ނުލާ މާލެ ސަރހައްދުގެ މަގުތަކަށް ނިކުމެ އުޅުނު 201 މީހަކު މިއަދު އެކަނިވެސް ފުލުހުން ވަނީ ޖޫރިމަނާކޮށްފައެވެ. އެއީ މާލެއިން ޖޫރިމަނާކުރި 177 މީހަކާއި، ހުޅުމާލެއިން 22 މީހަކާއި، ވިލިމާލެއިން 2 މީހެކެވެ.
ފުލުހުން ޢާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުގައި ފުރަބަންދު އިޢުލާންކުރި ދުވަހުންފެށިގެން މިހާތަނަށް 3265 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
މީގެއިތުރުން ޤަވާއިދާއި ޚިލާފަށް މަގުތަކަށް ނިކުމެ އުޅުމުގެ ސަބަބުން ތަކުރާރުކޮށް ނަސޭހަތްދީގެންވެސް އަދި ޖޫރިމަނާކޮށްގެންވެސް ހައްލުނުވުމުން މިއަދު އެކަނިވެސް ވަނީ 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 9 މީހެކެވެ.
ފުލުހުން ވިދާޅުވީ، މިހާތަނަށް ޖުމްލަ 180 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ފުރަބަންދުގައި ފުލުހުން ދޫކުރާ ހުއްދައާއި ނުލާ މަގުތަކަށް ނިކުމެ އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި ކުށްތަކުރާރުކުރާނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެކަމަށާއި، 14 ދުވަހަށް ކަރަންޓީން ފެސިލިޓީއަށް ގެންދާނެކަމުގެ އިންޒާރުވެސް ފުލުހުން މީގެކުރިން ދީފައިވެއެވެ.
މިމަހަކީ ރާއްޖޭގައި ކޯވިޑް-19 ގެ ބަލިހާލަތު އެންމެ ގޯސްވެ ބަލިޖެހޭ މީހުންގެ ޢަދަދު އެންމެ މައްޗަށް އަރާނެ ދުވަސްކަމަށް ލަފާކުރެވޭތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަންދީ މަގުތަކަށް ނުނިކުތުމަށް ތަކުރާރުކޮށް ކަމާގުޅުންހުރި ފަރާތްތަކުން ދަނީ އިލްތިމާސްކުރައްވަމުންވެ.
ޒަރޫރީކަމެއްގައިވެސް ބޭރަށް ނިކުމެވޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ޚާއްޞާ ޕާމިޓެއް ލިބޭ މީހުންނަށް، ފުލުހުން ކަނޑައަޅާ ވަކި ސަރަޙައްދަކަށް އެއްގަޑިއިރަށެވެ. އަދި މިހުއްދަ ދެނީ ކޮންމެ ގޭބީސީއަކުން އެކަކަށް ތިންދުވަހުން އެއްދުވަހުއެވެ.