ޚަބަރު

ކޯވިޑް-19 : އިތުރު 19 މީހަކު ޕޮޒިޓިވްވެ ރާއްޖެިން ބަލިޖެހުނު މީހުންގެ ޢަދަދު 785އަށް


އިތުރު 19 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު 785 އަށް އިތުރުވެއްޖެއެވެ. މިއަދު އެކަނިވެސް 41 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އޭގެތެރޭގައި ހިމެނެނީ 257 ދިވެހިންނާއި، 528 ބިދޭސީންނެވެ. މިހާރު ބަލިޖެހޭ މީހުންގެ ތެރޭގައި ކުޑަކުދިންވެސް އިތުރުވަމުން އަންނަކަން އެޗްޕީއޭގެ ޑޭޝްބޯޑުގެ ޑޭޓާތަކުން ދައްކައެވެ. މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ރާއްޖެގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނެވެ. އިއްޔެ އެކަނިވެސް 98 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި މިހާރުހުރި ކްލަސްޓާތަކަށް ނިސްބަތްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު އަލަށް ފެނުނު ކްލަސްޓާތައްވެސް ހިމެނޭކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުން ލަފާކުރައްވާގޮތުގައި ރާއްޖޭގައި މިބަލި އެންމެ ބޮޑަށް ފެތުރިގެންދާނީ މިމަހުގެ 15 އިން 31 އާއި ދެމެދުއެވެ. ރާއްޖޭގައިމިހާރު މިބަލި ގޭބީސީތަކަށް ފެތުރިފައިވާކަންވެސް ޑޮކްޓަރުންގެ ޓީމުން ފާހަގަކުރައްވައެވެ. އެހެންކަމުން ރާއްޖޭގައި މިހާރު އަޅަފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ. ޚާއްޞަކޮށް ޑެލިވަރީއާއި އެނޫންވެސް ޚިދުމަތްތައް ލިބިގަންނައިރު އެކަމަށް ސަމާލުވުމަށާއި، ގިނަގިނައިން އަތޮދޮވުމަށް އިލްތިމާސްކުރައްވައެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 އަށް ޓެސްޓްކުރުމަށް 11775 މީހުންގެ ސާމްޕަލް ނަގާފައިވާއިރު މިއަދު އެކަނިވެސް 41 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ނަތީޖާ ނުލިބި 438 ސާމްޕަލް އެބައޮތްކަމަށްވެސް އެންއީއޯސީން ވިދާޅުވެއެވެ. ރާއްޖެއިން މިހާތަނަށް މިބަލިން 29 މީހުން ވަނީ ރަނގަޅުވެފައެވެ.