ޚަބަރު

ސޯޝަލް މީޑިއާގައި ދައުރުވަނީ ބަންގްލަދޭޝް ޑޮކްޓަރުންގެ ފޮޓޯއެއް


މިހާރު ސޯޝަލް މީޑިއާގައި އިންޑިއާ ސިފައިންކަމަށްބުނެ ދައުރުކުރަމުންދަނީ ބަނގްލަދޭޝް ޑޮކްޓަރުންގެ ފޮޓޯއެއްކަމަށް ޤައުމީ ދިފާޢީ ބާރުން ހާމަކުރައްވައިފިއެވެ.

ހުޅުމާލޭގެ މަގެއްގެ މަތީގައި އަސްކަރީ ޔުނިފޯމްގައި ދެ ސިފައިން ދަބަހެއް ހިފައިގެންދާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. އަދި އެއީ އިންޑިއާގެ އަސްކަރީ ބައެއްކަމަށާއި، އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގެ ފުރަބަންދުގައި މަގުތައްމަތީގައި ކީއްކުރަނީތޯ ސުވާލުކޮށް ގިނަ ބަޔަކު ދަަނީ އެ ފޮޓޯ ދައުރުކުރަމުންނެވެ. ނަމަވެސް ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ، އެއީ ބަނގްލަދޭޝްގެ ދެ ޑޮކްޓަރުން ކަމަށާއި، އެ ފޮޓޯއިން ފެންނަނީ އެ ޑޮކްޓަރުން ރާއްޖެ އައުމަށްފަހު ކަރަންޓީން މުއްދަތު ފުރިހަމަ ވުމުން ގެސްޓްހައުސްއަކަށް ވަޑައިގަންނަވާ މަންޒަރު ކަމަށެވެ. އަދި އެ ޑޮކްޓަރުން މާދަމާ ޑިއުޓީއަށް ޚިދުމަތަށް ނިކުންނަވާނެކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ބަންގްލަދޭޝްގެ ދެ ޑޮކްޓަރުންގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މިދިޔަ މަހުގެ 20 ވަނަ ދުވަހު ރާއްޖެއައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައިވަނީ ނޭޕާލާއި ބަންގްލަދޭޝްގައި ރާއްޖެ ނާދެވިތިބި 71 ދިވެހިންނާއި، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ބަންގްލަދޭޝްގެ 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއްވެސް ރާއްޖެ އައިސްފައެވެ.

ބަންގްލަދޭޝްގެ މެޑިކަލް ޓީމު މާދަމާ ޚިދުމަތަށް ނިކުންނަވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަކުރުމަށްފަހުއެވެ.