 
										
			ޖަރުމަންވިލާތުގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތައް ކާމިޔާބުވުމާ ގުޅިގެން ފުރަބަންދުގެ ފިޔަވަޅުތައް ލުއިކޮށް، ފިހާރަތަކާއި ސްކޫލްޔައް ހުޅުވުމަށް ހުއްދަ ދީފިއެވެ. 
ޖަރުމަންވިލާތުގެ ޗާންސެލާ އެންގެލާ މާކެލް ވަނީ ފިހާރަތަކާއި ސްކޫލްތަކުގެ އިތުރުން ބުންޑެސްލީގާ ފުޓްބޯޅަ މެޗްތައްވެސް އަލުން ފަށަން ހުއްދަދީފައެވެ. ނަމަވެސް މެޗްތައް ބެލުމަށް އާންމުންނަށް ދަނޑުތަކަށް ވެއްދުމުގެ ހުއްދަ އަދި ދީފައެއް ނުވެއެވެ. 
އަނެއްކޮޅުން ޖަރުމަންވިލާތުގައި ފުރަބަންދުގެ ހާލަތް ލުއިކުރުމުގައި އަމަލުކުރާނެ ތަފްސީލްތައް ކަނޑައެޅުމުގެ ބާރު މައި ސަރުކާރުން ވަނީ އެޤައުމުގެ 16 ފެޑަރަލް ސްޓޭޓަށް ދީފައެވެ. އަދި އަލުން ކޭސްތައް އިތުރުވާނަމަ ފިޔަވަޅުތައް ހަރުކަށިކުރުމުގެ ބާރުވެސް ވަނީ ސަރަަހައްދީ ސަރުކާރުތަކަށް ދީފައެވެ. 
ޖަރުމަންވިލާތުގައި ފިޔަވަޅުތައް ލުއިކުރުމާ ގުޅިގެން ދެ އާއިލާއެއް އެކުގައި ބައްދަލުކުރުމުގެ ފުރުސަތާއި، ކެއަރ ހޯމްތަކުގައި ތިބޭ މުސްކުޅީންގެ ގާތަށް އެމީހެއްގެ އާއިލާގެ ކޮންމެވެސް އެކަކަށް ޒިޔާރަތްކުރުމުގެ ހުއްދަ ވަނީ ދީފައެވެ. 800 އަކަމީޓަރުގެ ފިހާރަތައް ހުޅުވުމަށް ފުރަތަމަ ހުއްދަ ދީފައިވާއިރު، ހުރިހާ ފިހާރައެއް ވަރަށް އަވަހަށް ހުޅުވުމުގެ ހުއްދަ ދޭނެކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ތައުލީމު އުގަންނައިދޭ ބައެއް ސްކޫލްތައް ހުޅުވާފައިވާއިރު މަހެއްހާ ދުވަހުގެ ތެރޭގައި އެހެން ގްރޭޑްތަކުގެ ކިޔެވުންވެސް އަލުން ފެށޭނެއެވެ. 
ޖަރުމަންވިލާތުގެ ސަރުކާރުން ބުނާގޮތުގައި ފިޔަވަޅުތައް ލުއިކުރި ކަމުގައިވިޔަސް ކުރިއަށް އޮތް މަހެއްހާއި ދުވަހު އާންމުން ބޭރަށް ނިކުންނައިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެއެވެ. 
ގިނަ ޤައުމުތަކުގައި ކޯވިޑް-19 ފެތުރެން ފެށުމުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ލިބޭ އިޤްތިސާދީ އިޖްތިމާއީ ގެއްލުންތައް ކުޑަކުރުމަށް ދަނީ މަޑުމަޑުން އާންމު ހާލަތަށް ބަދަލުކުރަމުންނެވެ. މިގޮތުން އިންޑިއާ، މެލޭޝިއާ، ޗައިނާ، ބަންގްލަދޭޝް، ޕާކިސްތާން، ސްރީ ލަންކާގައިވެސް ދަނީ ކޭސްތައް މަދުވާ ސަރަހައްދުތަކުގައި ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަމުންނެވެ.