ކުރިއަށްއޮތް ދެހަފްތާގެތެރޭގައި މާލެ ސަރަހައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެދާނެކަމަށް ލަފާކޮށް މިސަރަޙައްދުގައި ދިރިއުޅޭ ޢާންމުންގެ ހަރަކާތްތައް ވީހާވެސް މަދުކުރުމަށް މަޝްވަރާކުރައްވައިފިއެވެ.
ކޯވިޑް-19އަށް އެކުލަވާލާފައިވާ ޓާސްކްފޯހުން މިކަމަށް މަޝްވަރާ ކުރައްވާފައިވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ ޓާސްކް ފޯސް ބައްދަލުވުންތަކުގައި ކޮންމެ ރެއަކުވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައެވެ.
އެމަނިކުފާނުގެ އިރުޝާދާއެކު ޓާސްކް ފޯހުން ކުރައްވާ ކަންކަމުގެ ތަފްސީލް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މާލެ ސަރަޙައްދުގައި ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެދާނެކަމަށް ލަފާކުރެވިފައިވާތީ މިހާރަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހިފައިވާކަމަށެވެ.
އެގޮތުން މާލެ ސަރަހާއްދުގައި ދިރިއުޅޭ މީހުންގެ ހަރަކާތްތައް ވީހާވެސް ބޮޑަށް މަދުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދ ފުރަބަންދުކޮށްފައިވާއިރު ޒަރޫރޫ ކަމެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މީހުން މަގުތަކަށް ނުނިކުމެ ސަރުކާރައި އެނޫންވެސް އިދާރާތަކުން ޚިދުމަތް ލިބޭނެގޮތަށް އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.
ޒަރުރީ ބޭނުމެއްގައި ގެއިން ބޭރަށް ނިކުމެވޭނީ ފުލުހުން ދޫކުރާ ޚާއްޞާ ޕާމިތެއް އޮވެގެންނެވެ. ނަމަވެސް އެ ޕާމިޓް ނުލާ މަދު ބަޔަކު މަގުތަކަށް ނިކުމެ އުޅޭކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން މިހާތަނަށް ޤަވާއިދާއި ޚިލާފަށް ނިކުމެ އުޅުނު 2674 މީހުން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި 153މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.