ރިޕޯޓް

ކޯވިޑް-19 : އޭޕްރިލްމަހާ ހަމައަށް އިންޑިއާއިން ވަޒީފާ ގެއްލުނު މީހުންގެ އަދަދު 120 މިލިއަނަށް


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފުރަބަންދު އިއުލާންކުރުމާއި ގުޅިގެން އޭޕްރިލްމަހާއި ހަމައަށް އިންޑިއާއިން ވަޒީފާ ގެއްލިފައިވާ މީހުންގެ އަދަދު 122 މިލިއަނަށް އަރައިފިއެވެ.

އިންޑިއާގެ ސެންޓަރ ފޮރ މޮނިޓަރިން ދަ އިންޑިއަން އިކޮނޮމީ، ސީއެމްއައިއީގެ ހޯދުންތަކުން ދައްކާގޮތުން އިންޑިއާގައި ވަޒީފާ ގެއްލިފައިވާ މީހުންގެ އަދަދު މިވަނީ ރިކޯޑު އަދަދަކަށް މައްޗަށް ގޮސްފައެވެ. ސީއެމްއައިއީ އަކީ އިންޑިއާގައި އިޤްތިސާދާއި ގުޅޭ މިފަދަ ޑޭޓާ އެކޮށް ހާމަކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުންޏެކެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެހެން ގިނަ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކެކޭ އެއްފަދައިން އިންޑިއާގައިވެސް ފުރަބަންދު ތަންފީޒު ކުރަންފަށާފައިވަނީ މިދިޔަ މާރޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެނެވެ. ފުރަބަންދާއި ގުޅިގެން އިންޑިއާގައިވެސް ހުޅުވާ ހިދުމަތް ދެމުންދަނީ ޒަރޫރީ ހިދުމަތްދޭ ތަންތަނުން އެކަންޔެވެ. މިގޮތުން ހޮސްޕިޓަލް، ކްލިނިކް، އާންމު ޒަރޫރީ ތަކެތި ވިއްކާ ފިހާރަތައް ފިޔަވައި ހުރިހާ އެހެން ތަންތަން އިންޑިއާގައިވެސް ވަނީ ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ގިނަ ދާއިރާތަކެއްގެ ވަޒީފާތައް މަދުކުރުމާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ސީއެމްއައިއީގެ ހޯދުންތައް ދައްކާގޮތުން ފުރަަބަންދު އިއުލާންކުރުމުން އިންޑިއާގެ އިޤްތިސާދު ހުއްޓުމަކަށް އައުމާއި ގުޅިގެން އިންޑިއާގައި ވަޒީފާ ގެއްލިފައިވާ މީހުންގެ އަދަދު މިވަނީ 27.1 އިންސައްތައަށް އިތުރުވެފައެވެ. އަދި މާރޗު މަހުން އޭޕްރިލް މަހަށް ބަލާނަމަ އިންޑިއާގެ ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ 8.7 އިންސައްތައިން 23.5 އިންސައްތައަށް އިތުރުވެފައެވެ. އޭޕްރިލް މަހުގެ ނިޔަލަށް އިންޑިއާގައި ވަޒީފާ ގެއްލިފައިވާ 122 މިލިއަނަށް އަރާފައިއެވެ. މީގެތެރެއިން 91.3 މިލިއަން މީހުންނަކީ ކުދި ވިޔަފާރިތަކުގައި މަސައްކަތް ކުރި މީހުންނާއި ލޭބަރުންނެވެ. އަދި އެހެނިހެން ވަޒީފާތައް އަދާކުރި 17.8 މިލިއަން މީހުންނާއި އަމިއްލަ މަސައްކަތް ކުރަމުންދިޔަ 18.2 މިލިއަން މީހުން މީގެތެރޭގައި ހިމެނެއެވެ.

ނަމަވެސް މާރޗުމަހާއި އޭޕްރިލް މަހު އިންޑިއާގައި ދަނޑުވެރިކަމުގެ ދާއިރާގެ ވަޒީފާތައް ވަނީ އިތުރުވެފައެވެ. ސީއެމްއައިއީއިން ބުނީ މިއީ މިފަދަ ކާރިސާއެއްގެ ތެރެއިން އާދަޔާ ހިލާފު ކަމެއް ނޫންކަމަށެވެ.

އިންޑިއާގެ އާބާދީގެ 90 އިންސަތައަކީ ނުރަސްމީ އެކިއެކި ވަޒީފާތަކާއި، ދުވަހު މުސާރަ ދޭ އެކިއެކި ވަޒީފާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. ފުރަބަދުން އިއުލާންކުރުމާއި ގުޅިގެން ސިޓީތަކުގައި މިފަދަ ވަޒީފާތައް އަދާކުރަމުންދިޔަ އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލުމާއި ގުޅިގެން އެމީހުން ވަނީ އަމިއްލަ ރަށްރަށަށް ދާން ފަށާފައެވެ. އަދި ދާއިމީ ރަސްމީ ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށްވެސް މިކަމުގެ އަސަރު ވަނީ ކޮށްފައެވެ. މިގޮތުން މީޑިއާއާއި، އޭވިއޭޝަން، ރީޓެއިލް، ހޮސްޕިޓާލިޓީ، އޮޓޯމޯބިލް، ކުންފުނިތަކުންވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން އިޤްތިސާދު މަޑުޖެހުމާއި ގުޅިގެން ވަޒީފާތައް މަދުކުރަން ފަށާފައެވެ. އެހެންކަމުން މިފަދަ ދާއިރާތަކުގައި އުޅެ ފަރާތްތަކުގެ ވަޒީފާތައްވެސް ވަނީ ގިނަ އަދަދަކަށް ގެއްލިފައެވެ.

އަނެއްކޮޅުން ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދަށް ދިއުމާއިއެކު ބަންދުކޮށްފައިވާ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލުން ނުހުޅުވާނެކަމަށް ދާއިރާ ދިރާސާ ކުރާ ތަޖުރިބާކަރުން ވަނީ ބުނެފައެވެ.

ބީބީސީ އަށް ދެއްވި އިންޓަރވިއުއެއްގައި ސީއެމްއައިއީގެ ސީއީއޯ މަހޭޝް ވިޔާސް ބުނީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާއިން އަޅަމުންދާ އިޤްތިސާދާއި ފިޔަވަޅުތައް އެޅުމުގައި އިޤްތިސާދަށް ވީހާވެސް ކުޑަކޮށް އަސަރު ކުރާނެހެން އަމަލުކުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ސަޕްލައި އާއި އެއްވަރަށް ޑިމާންޑު ފޯރުކޮށްދިނުމަށް އެކިއެކި ދާއިރަތައް ހުޅުވުމުގެ މުހިންމުކަން އޭނާ ފާހަގަކުރިއެވެ.

އިންޑިއާގެ ސަރުކާރުން ދަނީ ކޯވިޑް-19 މަދުން ފެންނަ ސަރަހައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަމުންނެވެ. އިންޑިއާގެ ބައެއް ސަރަަހައްދުތަކުގައި ކޯވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތް ހަމަވާނީ މިމަހުގެ 17 ގަ އެވެ. ނަމަވެސް އަނެއް ބައި ސަރަހައްދުތަކުގައި މިމުއްދަތް އިތުރުވަނެކަމަށް މައުލޫމަތު ލިބެއެވެ.

އިންޑިއާއިން މިހާތަނަށް ވަނީ ކޯވިޑް-19 ގެ 50 ހާހަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައެވެ.