ގުޅިފަޅުން 30 ހެކްޓަރުގެ ބިމެއް ހިއްކައި ސާޅީސް ހާސް ބިދޭސީ މަސައްކަތްތެރިންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް ސަރުކާރުން ނިންމަވައިފިއެވެ. ސަރުކާރުން މިގޮތަށް ނިންމަވާފައިވާކަން ހާމަވީ، ރަސްމީ ލިޔެކިޔުންނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައެވެ. މި މައްސަލާގައި ދައުލަތުގެ ކަމާގުޅުންހުރި ގިނަ އިދާރާތަކުން މަޢުލޫމާތު އެއްކޮށް ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރެވޭނެ ކަންކަން ވަނީ ހިމަނުއްވާފައެވެ.
އިކޮނޮމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއާ ޙިއްސާކުރައްވާފައިވާ މަޢުލޫމާތުތަކުގައި ވަނީ، ރަސްމީ ލިޔެކިޔުންނެތް ބިދޭސީގެ މައްސަލަ ޙައްލުކުރުމަށް ބިދޭސީންނަށް ރަނގަޅު އެކޮމަޑޭޝަން ފެސިލިޓީތައް ޤާއިމްކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ. މިއީ ބިދޭސީ މަސައްކަތްތެރިންގެ ޢަދަދު ގިނަވެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ކުރައްވާ މަސައްކަތެކެވެ.
އެގޮތުން މިމެއި މަހު އެއް ފެސިލިޓީ މުޅިން ނިންމައި 2000 މީހުންގެ އެކޮމޮޑޭޝަންގެ ކަންކަން އެތަނުގައި ހަމަޖެހޭނެކަމަށް ރިޕޯޓްގައި ވެއެވެ. މީގެއިތުރުން، މާލެ ސަރަޙައްދާ ކައިރިން ގުޅިފަޅުގައި 30 ހެކްޓަރުގެ ބިމެއްހިއްކައި އެތާނގައި "ވޯކަރސް ވިލެޖެއް" ޤާއިމްކޮށް ގާތްގަނޑަކަށް 40000 ބިދޭސީ މަސައްކަތްތެރިންނަށް އެފަރާތްތަކުގެ ވެރިފަރާތުގެ ޚަރަދުގައި ކެއުންބުއިން ލިބޭފަދަ ގޮތަކަށް އެކޮމޮޑޭޝަން ހަމަޖެހިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދުވެސް ދަށްވަމުން ދިއުމުގެ ސަބަބުން އަމިއްލަ މަސައްކަތްތެރިންގެ ވަޒީފާ ގެއްލެމުންދިއުމުގެ ތެރެއިން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެވެސް ވަޒީފާ ގެއްލިފައިވާތީ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް އެކަން އަންގައި މަޝްވަރާތަކެއް ކުރެވެމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
ދިވެހިރާއްޖެ ފުރަބަންދުގެ ޙާލަތުގައި ކާބޯތަކެތި ގަތުމާއި ވިޔަފާރިކުރުން ހަމަޖެހިފައިވަނީ ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ހުއްދަދެވިގެން ކަމަށްވުމުން ގިނަ ބިދޭސީ މަސައްކަތްތެރިން ކައިބޮއެ އުޅެނީ ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނުން ކަމަށް ނުވާތީ، އެފަދަ ފަރާތްތަކުގެ ކެއުން ބުއިމުގެ ކަންކަން ސިޓީ ކައުންސިލްތަކާއި މޯލްޑިވްސް ރެޑް ކްރެސެންޓްގެ އެހީގައި ހަމަޖައްސަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19އާ ގުޅިގެން މި ދުވަސްވަރު ރަޖިސްޓްރީވި ބިދޭސީންގެ ތެރޭގައި އެމީހުންގެ އަތުގައި އެއްވެސް ލިޔެކިއުމެއް ނެތް ބިދޭސީން ހިމެނިފައިވުމުގެ ސަބަބުން އެހުރިހާ ފަރާތެއް މިފަދަ ޙާލަތުގައި ފޮނުވާލުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މޯލްޑިވްސް އިމިގްރޭޝަނާއި ބަންގްލަދޭޝްގެ އެމްބަސީގެ އެހީތެރިކަމާއެކު 68 ބިދޭސީން މިޙާލަތުގައިވެސް އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އިތުރު 150 ބިދޭސީއަކު ފޮނުވާލުމުގެ މަސައްކަތްކުރަމުން އަންކަންވެސް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.
މި ކޮމިޓީއަށް އިމިގްރޭޝަނުން ހިއްސާކުރައްވާފައިވަ މަޢުލޫމާތުތަކުގައި ވާގޮތުން މިދޔައަހަރުގެ އޯގަސްޓަމަހުގެ ނިޔަލަށް ރާއްޖޭގައި އުޅެމުންދާކަމަށް އަންދާޒާކުރެވޭ ބިދޭސީންގެ ޢަދަދަކީ 179122 އެވެ. އަދި ދުވާލެއްގެ މައްޗަށް މަސައްކަތް ކުރުމަށްޓަކައި އެވްރެޖްކޮށް 115 ބިދޭސީން މުޅިން އަލަށް ދިވެހިރާއްޖެ އައިސްފައިވެއެވެ. އިމިގްރޭޝަނުން އަންދާޒާ ކުރާގޮތުގައި ރަސްމީ ލިޔެކިޔުންނެތި ރާއްޖޭގައި ގާތްގަނޑަކަށް 63,000 ބިދޭސީން އުޅެމުން ގެންދެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި އުޅޭ ރަސްމީ ލިޔެކިޔުންނެތް ބިދޭސީ މަސައްކަތްތެރިންގެ ސީދާ ޢަދަދު ހޯދެން ނެތްކަން ވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް އިކޮނޮމިކް މިނިސްޓޤރީން ހުޅުވާލި ފުރުޞަތުގައި 40،000 ބިދޭސީން ވަނީ ރަޖިސްޓްރީކޮށްފައެވެ.
މުއައްސަސާތަކުން ހުށައެޅި ހުށައެޅުންތަކަށް ރިޔާއަތްކޮށް ކޮމިޓީން ނިންމާފައިވަނީ ރަސްމީ ލިޔެކިޔުންނެތް ބިދޭސީ މަސައްކަތްތެރިން ދެނެގަތުމަށްޓަކައި، އެފަދަ ފަރާތްތައް ރަޖިސްޓްރީކުރުމާއި، ދިވެހިރާއްޖޭގައި އުޅޭ އަދި އެތެރެވާ ބިދޭސީން މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްތަކެއް ކުރައްވަމުން ދާތީ އެފަދަ ބިދޭސީން ރަޖިސްޓްރީކުރުމާ މޮނިޓަރކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކަމާއެކު ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ކުރައްވަމުން ގެންދެވުމަށެވެ. އަދި ރަސްމީ ލިޔެކިޔުންނެތް ބިދޭސީ މަސައްކަތްތެރިން މަދުކުރުމަށް ސަރުކާރު ހިންގަވާ ޕްރޮގްރާމްތަކުގެ ތެރެއިން ވަޒީފާނުލިބި ތިބި ބިދޭސީން އެފަރާތެއްގެ ޤައުމަށް ފޮނުވާލުމުގެ ކަންކަން ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ގުޅިގެން ލަސްނުކޮށް އިންތިޒާމްކުރުމަށް ސަރުކާރަށް ލަފާދިނުމަށްވެސް ކޮމިޓިން ނިންމާފައިވެއެވެ. މީގެ އިތުރުން ކޮންމެ ތިން މަހަކުން އެ މަޢުލޫމާތު ކޮމިޓީއާއި ހިއްސާކުރުމަށްވެސް ރިޕޯޓްގައިވެއެވެ.