ވިޔަފާރި

އިންވެސްޓްމެންޓް ފޯރަމްގައި 800 މީހުން ބައިވެރިވާނެ - މިނިސްޓަރ


މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޭންކިންގ އެންޑް ފިނޭންސް ގެ ދާއިރާއަށް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.  އިންވެސްޓްމަންޓް ފޯރަމް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް ފޯރަމާ ގުޅޭ މައުލޫމާތު ދިނުމަށްޓަކައި "ޕަރޓްނަރިންގ ފޮރ އެމް.އައި.އެފް. 2015" ގެ ނަމުގައި ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފްލާގެ ތެރެއިން ނޫސްވެރިންނަށްދެއްވި އިންޓަރވިއުއެއްގައި މި ނިސްޓަރ ވިދާޅުވީ ބޭންކިންގ އެންޑް ފިނޭންސްގެ ދާއިރާއިން ރާއްޖެއަށް ތަފާތު ފައިނޭންޝިއަލް ޕްރޮޑަކްޓަސްތައް އަދި އިންވެސްޓްމެންޓް ބޭންކްސްތައް ގެނައުމަށް ބޭނުންވާ ކަމަށެވެ.  މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މި ފޯރަމް ވެގެންދާނީ ކުރިއަށް ހުރި މަޝްރޫއުތައް ފަށައިގަންނަ އިރު އެހީތެރިކަން ލިބޭނެ ފޯރަމް އަކަށް ކަމަށާއި މި ފޯރަމްގެ ސަބަބުން ވިޔަފާރީގެ ދާއިރާއިން ގިނަގުނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. މިނިސްޓަރ ސައީދް ވިދާޅުވީ މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ގާތްގަނޑަކަށް އަށްސަތޭކަ ފަރާތުން ބައިވެރިވާނެ ކަމަށާއި ޗައިނާގެ އެންމެ މަތީ ފަންތީގައި ހިމެނޭ ސަތޭކަ ކުންފުނިންވެސް މިއަހަރުގެ ފޯރަމްގައި ބައިވެރިވާނެ ކަމަށެވެ.  ޗައިނާގެ ބެއިޖިންގެ ކޮންވެންޝަން ސެންޓަރގައި ސެޕްޓެމްބަރުމަހުގެ ފަނަރަ ވަަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ދެވަނަ އިންވެސްޓްމަންޓް ފޯރަމް ހުޅުއްވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީނެވެ.މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގެ އެކި ބައިތައް ސްޕޮންސަރ ކުރުމުގެ ފުރުސަތު  ހުޅުވާލާފައިވާ އިރު ހަތަރު ކެޓަގަރީއެއް ވަނީ ކަނޑައަޅާފައެވެ. ކެޓަގަރީތަކުގެ ތެރޭގައި ޕްލެޓިނަމް، ގޯލްޑް އަދި ސިލްވާ ހިމެނެއެވެ.މިއަހަރުގެ ފޯރަމްގައި އިންވެސްޓްމަންޓް ފޯރަމަށް ޚާއްސަކޮށްގެން މެގަޒިނެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ.މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު ސިންގަޕޫރުގައެވެ.