ޚަބަރު

ސަރުކާރުން އިޢުލާންކުރިގޮތަށް މެއިމަހުގެ ކަރަންޓު ބިލުން %40 އުނިކޮށްފި


ސަރުކާރުން އިޢުލާންކުރިގޮތަށް މެއިމަހުގެ ކަރަންޓު ބިލުން %40 އުނިކޮށްފިއެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އާއްމު ދިރިއުޅުމުގައި ދިމާވާ މާލީ ދަތިތަކަށް ލުޔެއްދިނުމަށް ސަރުކާރުންވަނީ ކަރަންޓު ބިލުން %40 އަދި ފެން ބިލިން %30 އުނިކުރުމަށް ނިންމާފައެވެ.

ސަރުކާރުން ސަބްސިޑައިޒްކޮށް އަގުހެޔޮ ބިލް ގޭގެއަށް ފޮނުވުމަށް ނިންމީ މޭމަހާއި ޖޫންމަހުގެ ބިލުންނެވެ. އެގޮތުން މިދިޔަ މަހު ބޭނުންކުރި ކަރަންޓަށް ބަލައި ތައްޔާރުކޮށް، މި މަހު ފޮނުވަމުންދާ ކަރަންޓު ބިލުންވަނީ %40 އުނިކޮށްފައެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭ ދެ ކުންފުނިންކަމަށްވާ ފެނަކަ އާއި ސްޓެލްކޯއިންވެސްވަނީ ބިލްތަކުގެ އަގުން %40 އުނިކޮށްފައެވެ.
ސަރުކާރުން ކަރަންޓު އަގުހެޔޮކޮށްފައިވަނީ އާއްމުން ދިރިއުޅޭ ގޭބިސީތަކަށް ދޫކުރާ ޑޮމެސްޓިކް ކަސްޓަމަރުގެ ބޭންޑުތަކުންނެވެ. މި ބަދަލުގައި ވިޔަފާރިކުރާ ތަންތަން ނުހިމެނެއެވެ.

މި ބަދަލާއިއެކު 200 ރުފިޔާ ބިލަށް އެރި ގެތަކުގެ ބިލުންވަނީ 80 ރުފިޔާ ސަބްސިޑައިޒްކޮށްފައެވެ. އަދި ބިލަށް 500 ރުފިޔާ އެރި ގެތަކުން ދައްކަންޖެހޭނީ 300 ރުފިޔާއެވެ. 1000 ރުފިޔާ ބިލަށް އެރި ގެއަކުން ދައްކަން ޖެހޭނީ 600 ރުފިޔާއެވެ.

ނަމަވެސް ގޭގައި މީހުން ގިނަވަގުތު ހޭދަކުރުމާއި، އަދި ކަރަންޓު ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، ކަރަންޓުގެ ލޯޑު މިދުވަސްވަރު ބޮޑުކަން ޚިދުމަތްދޭ ކުންފުނިންތަކުން ފާހަގަކުރެއެވެ. އަދި ހޫނުގަދަ ދުވަސްވަރާއި، ރޯދަމަހާ ދިމާކޮށްވެސް އާއްމުކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ވަޒީފާ ގެއްލުމާއި، އަދި މަސައްކަތްތައްކުރާ އޮފީސްތައް ހުއްޓާލާފައިވާތީ ގިނަ ބަޔަކު ތިބީ ގޭގައެވެ. ވަޒީފާއާއި ގުޅިގެން އައި ބަދަލުތަކުގައި ގިނަ ބަޔަކަށްވަނީ މާލީ ބޮޑެތި ދަތިތައް ދިމާވެފައެވެ.

އެގޮތުން އާއްމުންނާއި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުންވަނީ އެކިއެކި މަސައްކަތްތައް ކުރަން ފަށާފައެވެ. މީގެތެރޭގައި އާއްމުން ދިރިއުޅޭ ގެތަކުގެ ޔޫޓިލިޓީ ބިލްތައް ކުޑަކުރުމާއި، އަދި އާއްމުކޮށް ކެއިން ބުއިމަށް ބޭނުންވާ ބައެއް ބާވަތްތަކުގެ އަގުތަށްވެސްވަނީ އެސްޓީއޯއާއި ގުޅިގެން ކޮންޓްރޯލްކޮށްފައެވެ. އަދި ވިޔަފާރިތަކަށް ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީވުމަށް ރިލީފް ލޯން ސްކީމްތައްވެސްވަނީ ތަޢާރަފްކޮށްފައެވެ.