ޚަބަރު

ކޯވިޑް-19 : އިތުރު 14 މީހަކު ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 541 އަށް


އިތުރު 14 މީހަކު ޕޮޒިޓިވްވެ ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވިމީހުންގެ އަދަދު 541އަށް އަރައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ އިތުރު ބަޔަކު ބައްޔަށް ޕޮޒިޓިވްވިކަން ހާމަކުރައްވާފައެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 185 ދިވެހިންނާއި، 356 ބިދޭސީންނެވެ. އަދި ރާޢްޖޭގައި މިވަގުތު ބައްޔައް ފަރުވާ ހޯދަމުންދާ 523 މީހަކު ތިބިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ބައްޔާއި ދެކޮޅަށް މިހާތަނަށް ކުރި މަސައްކަތުން ކުރިމަތިވި އެންމެ ހިތްދަތި ވަގުތަކީ ރާއްޖެއިން މިބަލީގައި މީހަކު ދުނިޔެ ދޫކުރި ވަގުތުކަމަށެވެ. ބަލީގައި ނިޔާވި 83 އަހަރުގެ މީހާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުންއެދި ދުޢާކުރާ ހާލު މިބަލީގައި މިހާރު ފަރުވާ ހޯދަމުންދާ އެންމެހައި ފަރާތްތަކަށްވެސް އެމަނިކުފާނުވަނީ އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ކޯވިޑް-19-ގެ މި ނުރައްކާތެރި ހާލަތުން ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ސަރުކަރުން މަސައްކަތް ކުރަމުންދަނީ ޞިއްޚީ މާހިރުންގެ ލަފާގެ މަތީންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި މިހާތަނަސްވެސް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާއިރު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކިތަންމެބޮޑު ޤުރުބާނީއެއް ވެގެންވެސް ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބަލީގައި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. ފިރިހެނުންގެ އަދަދު އުޅެނީ 400 އަށްވުރެ މަތީގައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ 58 ދުވަސްވެފައިވާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 447 މީހަކާއި، ކަރަންޓީންގައި މިވަގުތުވެސް 1311 މީހުން އެބަތިއްބެވެ.

މިހާތަނަށް ކޯވިޑް-19 ހުރިތޯ ބެލުމަށް ރާއްޖޭގައި 8400 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ. ވެރިރަށް މާލޭގެ އިތުރުން މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ އިތުރު ރަށްތަކަކުންވެސް ކޯވިޑް-19 ޖެހިފައިވާ ބަޔަކު ވަނީ ފެނިފައެވެ. އެގޮތުން ހއ.ތަކަންދޫއިން ވަނީ 3 މީހުން ޕޮޒިޓިވްވެފައެވެ. އަދި މަނަދޫ މީހަކުވެސް މާލެއިން ޕޮޒިޓިވްވެފައިވެއެވެ. ހއ.އުލިގަމުންނާއި، ށ.މިލަންދޫ އަދި ނަރުދޫއިންވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.