ޚަބަރު

ކޯވިޑް-19 : މިޙާލަތުގައި މިނިވަން މީޑީއާގެ ދައުރު މުހިންމު - ރައީސް


ކޯވިޑް-19ގެ މިހާލަތުގައި ޞައްޙަ ތެދު މަޢޫލޫމާތު ފޯރުކޮށްދިނުމަށް މިނިވަން މީޑިއާގެ ދައުރު މުހިންމުކަން ފާހަހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫސްވެރިން ކުރައްވާ މަސައްކަތްތަކަށް ހިތްވަރުދެއްވައިފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަރުގައި ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ތަޙްނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަން ނޫސްވެރިކަން ނެގެހެއްޓުމުގައި އެމަނިކުފާނުގެ ސަރުކާރުން ދެމިއޮންނާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ޞައްޙަނޫން ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން ޢާންމުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާކަމަށެވެ.

އެހެންކަމުން މި ދަނޑިވަޅުގައިވެސް ޢާންމުންނަށް ޞާއްޙަ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް ބިރެއްނެތި މަސައްކަތްކުރުމަށް މިނިވަން މީޑިއާގެ ދައުރު މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމުގެ އިންޑެކްސްގައި ރާއްޖެއިން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެއިން ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، އެ އިންޑެކްސްގެ 79 ވަނައަށް އަރައިފައެވެ. 2018 ވަނަ އަހަރުންފެށިގެން ރާއްޖެއިން އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ކުރިއެރުންތައް ހޯދަމުންނެވެ. ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ޤައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އަންގައިދިނުމަށް ކޮންމެ އަހަރަކު ރިޕޯޓާސް ވިތްއައުޓް ބޯޑާސްއިން ނެރޭ އިންޑެކްސްއެކެވެ.