ރިޕޯޓް

ކޯވިޑް-19 : ސައިންޓިސްޓުންގެ އިންޒާރުތަކުގެ ތެރެއިން ފެތުރެންފެށި ބަލިމަޑުކަން


ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސައިންޓިސްޓުން މިދިޔަ އަހަރުގެ ތެރޭގައިވެސް ވަނީ ދީފައެވެ. ނަމަވެސް މިފަދަ ކަމަކަށް އެއްވެސް ޤައުމަކުން އޮތީ ތައްޔާރަކަށް ނޫނެވެ. މި އިންޒާރު އަސްލަކަށް ބަދަލުވީ މިދިޔަ އަހަރު ޑިސެމްބަރުގައި ޗައިނާގެ ވޫހާންއިން ފެތުރެން ފެށި ކޯވިޑް-19 އާއި އެކުއެވެ. ނަމަވެސް ކޯވިޑް-19 އަކީ ކުރިންވެސް ދުނިޔެއަށް ފެތުރިފައިވާ އެހެން ބަލިތަކާއި އެއްގޮތް، ކޯރޯނާވައިރަސްގެ ވައްތަރެކެވެ.

ކޮރޯނާވައިރަސް އަކީ ކޮބާ؟
ކޮރޯނާވައިރަސް އަކީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ޖެހޭ ބަލިތަކެވެ. އާންމުކޮށް ކޮރޯނާވައިރަސް ފެންނަނީ ވާލުން ނެވެ. ޖަނަވާރުންގެ ގައިގައި ހުންނަ މިފަދަ ވައިރަސްތަކުގެ ތެރެއިން އިންސާނުންނަށް ޖެހެނީ މަދު ވައްތަރެކެވެ. ރޯގާގެ އަލާމަތްތައް ދައްކާ މިފަދަ ބަލިތަކުގެ އެކި ވައްތަރު ހުރެއެވެ. އޭގެ ތެރޭގައި ނުރައްކާތެރި އަދި އާދައިގެ ބަލިތައް ހިމެނެއެވެ. ހޯދުންތައް ދައްކާގޮތުން ޖަނަވާރުން ގައިގައި މިފަދަ އެތައް ބައްޔެއް ހުއްޓަސް އިންސާނުންނަށް ޖެހެނީ މީގެން މަދު ވައްތަރެކެވެ.

ކޯވިޑް-19 އަކީ ކޮބާ؟
ކޯވިޑް-19 އަކީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ޗައިނާގެ ވޫހާންއިން ފެތުރެން ފެށި ކޮރޯނާވައިރަސްގެ ވައްތަރެކެވެ. ކޯވިޑް-19 ގެ ރަސްމީ ނަމަކީ ސާޒް-ކޯވީ-ޓޫ އެވެ. ކޯވިޑް-19 އަކީ މި ވައިރަސްގެ ސަބަބުން މީހުންނަށް ޖެހޭ ބައްޔަކަށް ކިޔާ ނަމެކެވެ. ކޯވިޑް-19 އަށް ދިގުކޮށް ކިޔާނީ ކޮރޯނާވައިރަސް ޑިޒީޒް 2019 އެވެ. ކޯވިޑް-19 އަކީ އިންސާނުންނަށް ޖެހޭ ހަތް ވައްތަރެއްގެ ކޮރޯނާވައިރަސްގެ އާއިލާއަކަަށް ނިސްބަތްވާ ބައްޔެކެވެ. 2002 ގައި ފެނުނު ސާޒް އަދި 2012 ގައި ފެނުނު މާޒް ވައިރަސް އަކީވެސް ކޯވިޑް-19 އާއި ގުޅުން ހުރި ވައިރަސްތަކެކެވެ. ދެން ބާކީ 4 ވައިރަސްއަކީ އާދައިގެ ރޯގާގެ ވައްތަރު ތަކެވެ.

ކޯވިޑް-19 މީހުންނަށް ޖެހެނީ ކިހިނެއް؟
މިއީ އިންސާނާގެ ކުޅުތިކިތަކުން ފެތުރޭ ބައްޔެކެވެ. ކެއްސާ، ކިނބިހިއަޅާ އަދި ވާހަކަ ދައްކާއިރު ބޭރުވާ ކުޅުތިކިން ޖެހޭ މިބަލި ފެތުރެއެވެ. ވައިރަސް ޖެހިފައި ހުންނަ މީހަކާއި ހަ ފޫޓަށް ވުރެ ކައިރީގައި ހުންނައިރު މިވައިރަސް ޖެހުމަށް މަގުފަހި ވެއެވެ. ނޫނީ މިވައިރަސް ހަރުލާފައި ހުންނަ ތަނެއްގައި އަތްލުމަށްފަހު މޫނުގައި އަތްލެވިއްޖެނަމަ މިވައިރަސް ޖެހިދާނެއެވެ. ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަންނަނީ ލޮލާ، ނޭފަތާއި އަނގައިންނެވެ.

ކޯވިޑް-19 އަލާމާތްތަކަކީ ކޮބާ؟
ވައިރަސް ޖެހިފައި ހުންނަ މީހާއަށް އާދައިގެ ރޯގާގެ އަލާމާތްތައް ފެނިދާނެއެވެ. ކޯވިޑް-19 ގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި، ހުންއައުން، ވަރުބަލިވުން ހިމެނެވެ. އަދި މީގެއިތުރުން ނޭވާލާން އުނގަދޫވުމާއި، ކަރުގައި ރިއްސުން، ކާހިއްނުވުން، ބޭރަށް ހިންގުން އަދި ވަހުގެ ހިއްސާއި ރަހައިގެ ހިއްސު ގެއްލުން ހިމެނެއެވެ. ނަމަވެސް ބައެއް މީހުންނަށް މިވައިރަސް ޖެހި، އެއްވެސް އަލާމާތެއް ނުފެނިވެސް ހުރެއެވެ.

ކޯވިޑް-19 އެހާ ނުރައްކަލީ ކީއްވެ؟
މިބަލި ނުރައްކާތެރިވާ ބައިވަރު ސަބަބު އެބަހުރިއެވެ. ސާޒް އަދި މާޒް ފަދަ ބަލިތަކަކީ ކޯވިޑް-19 އަށްވުރެ މީހުން މެރުމުގައި ނުރައްކާތެރި ބަލިތަކެކެވެ. ނަމަވެސް އެބަލިތައް އެކަކު ގައިން އަނެކަކުގެ ގަޔަށް ޖެހެނީ އަލާމަތްތައް ފެންނަން ހުންނައިރު އެކަންޏެވެ. ކޯވިޑް-19 މިބަލިތަކަށްވުރެ ނުރައްކާތެރިވަނީ ބަލީގެ އަލާމާތެއް ނުފެނިވެސް އެތައް ބަޔަކަށް ބަލި ޖެހި ފެތުރޭތީއެވެ. އަނެއްކޮޅުން ބަލި ޖެހުމަށްފަހު ރަނގަޅުވާ މީހުންނަށް ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހޭކަމަށް ބައެއް ހޯދުންތަކުން އެނގިފައިވެއެވެ. ސާޒް ފަދަ ބަލިތައް ޖެހޭ މީހެއްގެ އިމިއުނިޓީ ނުވަދަ ދިފާއީ ނިޒާމް ދެވަނަ ފަހަރަށް އެބަލިތައް ޖެހުމުން ހުއްޓުވިޔަސް، ކޯވިޑް-19 ގައި މިހެނެއް ނުވެއެވެ.

ކޯވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ ކޮންބަޔަކަށް؟
މިބަލީގެ ނުރައްކާ އެންމެ ބޮޑީ ދުވަސްވީ މީހުންނާއި، ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ. ހިތުގެ ބަލި، ފުއްޕާމޭގެ ބަލިތައް، ކިޑްނީގެ ބަލިތަކާއި ހަކުރު އަދި ހައިޕަރޓެންޝަން ފަދަ ބަލިތައް ހުންނަ މީހުންނަށް މިއީ ޚާއްސަކޮށް ނުރައްކާ ބޮޑު ބައްޔެކެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް މިއީ ނުރައްކާތެރި ބައްޔަކަށްވެސް ވެދާނެއެވެ. ބައެއް ފަހަރު ބަލިޖެހި އެންމެ ހާލުބޮޑުވާ މީހުންގެ ފުއްޕާމޭގައި އިންފެކްޝަން ނުވަތަ ނިއުމޯނިއާ އުފެދި، އެމީހަކު ނޭވާލާން އެހީވުމަށް މެޝިނަށް ގުޅަންޖެހެއެވެ. މިބަލީގައި ސީިރިއަސްވާ މީހުން ވެންޓިލޭޓަރަށް ގުޅަންޖެހޭ ހިސާބަށްވެސް ދެއެވެ.

ބައްޔަށް އޮތް ފަރުވާއަކީ ކޮބާ؟
ކޯވިޑް-19 އަށް ވަކި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ބަލި ޖެހި ސީރިއަސް ވާ މީހުންނަށް ފަރުވާ ދެނީ ވަކިވަކި އަލާމާތްތަކަށެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކަކާއި ރިސާޗް ހަދާ ފަރާތްތަކުން ދަނީ މިބައްޔަށް ވެކްސިނެއް ތަރައްޤީކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބައްޔަށް ވެކްސިނެއް ތަރައްޤީ ކުރެވޭކަމަށެވެ. ނަމަވެސް މިފަދަ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެކްސިނެއް އުފެއްދުނު ނަމަވެސް މިއީ ވަގުތީ ހައްލެއްކަމަށް ވެދާނެތީއާއި، ދުނިޔޭގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް ކުރިމަތިވާނެ ދަތިތަކެވެ.

ބަލިކޮންޓްރޯލްކުރުމަށް ކުރެވެން އޮތީ ކޮންކަމެއް؟
މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަކީ ޞިއްޚީ މާރިހުންގެ ލަފަޔާއެކު މިބަލި ކޮންޓްރޯލްކުރުމަށް އެޅެން އޮތް އެންމެ ރަގަނޅު ފިޔަވަޅެވެ. ފުރަބަންދު އިއުލާންކޮށް، ބޯޑަރުތައް ބަންދުކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިސާދީ ގެއްލުންތައް ވިޔަސް، މިއީ މިދަނޑިވަޅުގައި ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް އެޅެން އޮތް ހަމައެކަނި ފިޔަވަޅެވެ. ބަލިވާ މީހުން އެކަހެރިކޮށް ކަރަންޓީން ކުރުމާއި، ބަލި ނޫން މީހުން ފުރަބަންދުގައި ތިބުމަކީ ކުރީ ޒަމާނުގައި ފެތުރިފައިވާ މިފަދަ އެހެން ބަލިތަކުން ރައްކާތެރިވުމަށް ކާމިޔާބު ކަމާއެކު އެޅިފައިވާ ފިޔަވަޅުތަކެކެވެ.

މީގެއިތުރުންވެސް ކޯވިޑް-19 އަށް ފަރުވާ ނެތް އިރު، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު އަޑުއަހާ، ރައްކާތެރިވުމަށް ފަރުދީގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން މުހިންމެވެ. އަވަސް އަވަހަށް އަތްދޮވުމަކީ ދުނިޔޭގެ ސިއްހީ މާހިރުން ފެށުނީއްސުރެން މިބަލިން ރައްކާތެރިވުމަށް އަޅަން އިރުޝާދު ދިން ވަރަށް މުހިންމު އެއް ފިޔަވަޅެކެވެ. އަނެއްކޮޅުން ފުރަބަންދު އިއުލާންކޮށްފައިވާ ޤައުމުތަކުގައި މިކަމަށް ކިޔަމަންވުން އެހާމެ މުހިންމެވެ. ފުރަބަންދު އުވާލިއަސް މިބައްޔަށް ފަރުވާއެއް ހޯދެންދެން ރައްކާތެރިވެވެން އޮތީ ޒަރޫރީ ބޭނުމުގައި ނޫން ކަންކަމުގައި ވީހާވެސް އާންމު ތަންތަނަށް ނުގޮސް، ގޭބަންދުވެގެން ތިބެގެންނެވެ.