ތައިލެންޑާއި ސިންގަޕޫރުން ރާއްޖެއަށް ސިއްޙީ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކޮށްފައިވަނީ ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ތައިލެންޑާއި ސިންގަޕޫރުގެ ހެޔޮއެދޭ ބައެއް ފަރާތްތަކުންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މިތަކެތި ރޭ ރާއްޖެ އައި މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި ވަނީ ގެނެސްފައެވެ. ރޭ ރާއްޖެ ގެނައި މެޑިކަލް އިކުއިޕްމަންޓްގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަނުން ހަދިޔާކުރި 5000 ޓެސްޓް ކިޓާއި، ތައިލެންޑްގެ ޓްރެވަލް އެޖެންޓެއްކަމަށްވާ މޯލްޑިވްސް ޓްރެވަލް އެކްސްޕަރޓް ކޮމްޕެނީ ލިމިޓެޑްގެ ކޮންސަލްޓިންގ މެނޭޖަރ ތިޓިތިޕް ތަންޔަކުލްތިޕް ހަދިޔާކުރި 200 ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި، އިތުރު 300 ޕީޕީއީ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް މިއެހީގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ސަރުކާރުން ވަނީ މި އެހީތެރިކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އަންނަ ހަފްތާގައިވެސް ސިންގަޕޫރުގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން ރާއްޖެއަށް ފޮނުވާ އިތުރު އެހީ ރާއްޖެއަށް ލިބޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ހެޔޮއެދޭ ބޭރުގެ ފަރާތްތަކުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންނާއި ޑަބްލިއުއެޗްއޯއާއި ބައެއް ޤައުމުތަކުންވެސް ދަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.