ވިޔަފާރި

ކޯވިޑް-19 : އިމާރާތްކުރުމުގެ ސިނާއަތަށް ބޮޑު ގެއްލުމެއް


ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިއްޖެއެވެ. މި ސިނާއަތުގެ ތަފާސްހިސާބުތައް ދައްކާގޮތުން 3 މަހުގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތްވަނީ 40 މިލިއަން ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިލާންޖެހިފައެވެ.

އިމާރާތްކުރުމުގެ ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދުގައި 2 ވަނައަށް އެންމެ ބޮޑު ސިނާއަތެވެ. މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ހެދި ރިޕޯޓަކުން ދައްކާގޮތުން ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތްވަނީ 50 އިންސައްތައަށް ދަށްވެފައެވެ.

ރިޕޯޓްގައި ބުނެފައިވަނީ މިއަހަރު އަލަށް ލިބޭނެކަމަށް ބަލާފައިވާ ހުރިހައި ޕްރޮޖެކްޓްތަކެއް ވަނީ ކެންސަލްވެފައެވެ. މިއީ މިސިނާއަތައް ލިބުނު 7.2 ބިލިއަން ރުފިޔާ ނުވަތަ 466 މިލިއަން ޑޮލަރުގެ ގެއްލުމެއްކަމަށް ވަނީ ބުނެފައެވެ.

ކޯވިޑް19 ގެ ސަބަބުން އިމާރާތްކުރުމުގެ ސިނާއަތައް މަހަކު 205 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ. މި ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ކޮންޓްރެކްޓަރުންނަށް ލިބެންޖެހޭ ފައިސާ ލިބުމުގައިވެސް ދަތިތަކާއިކުރިމަތިލާންޖެހިފައިވާކަމަށެވެ.

އިމާރާތްކުރުމުގެ ސިނާއަތަކީ ގިނަ އަދަދެއްގެ މީހުން ވަޒީފާ އަދާކުރާ ސިނާއަތެކެވެ. އެގޮތުން 5000 އާއި 7000 އާއި ދެމެދު ދިވެހިން ހަރަކާތްތެރިވާއިރު 40000 އާއި 50000 ދެމެދުގެ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވެއެވެ. އަދި މުވައްޒަފުންނަށް މުސާރަދިނުމުގައިވެސް ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ. ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާއިރު އަނެއްބައި މުވައްޒަފުންގެ މުސާރަ ވަނީ ކުޑަކޮށްފައެވެ.