ރިޕޯޓް

ވާލާއި، ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ޖެހޭ ވައިރަސްތައް ދެނެގަތުމުގެ ބުރަ މަސައްކަތް


ކޮރޯނާ ވައިރަސް، އެބޯލާ، ސާސް، މާސް ފަދަ ބަލިތަކަށް ފަރުވާ ހޯދައި ކޮންޓްރޯލްކުރުމަށް އެމިވައިރަސްތައް އުފެދޭ ތަންނާއި، އެތަކެތީގެ އަސްލު ހޯދުން އެއީ މުހިންމު ކަމެވެ. މީގެތެރެއިން ގިނަ ބަލިތަކަކީ ވާލާއި އެކި ޖަނަވާރުތަކުން އިންސާނުންނަށް ޖެހޭ ބަލިތަކެވެ.

ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ޖެހޭ ބަލިތަކުގެ އަސްލު ހޯދުމުގެ މަސައްކަތް ދުނިޔޭގައި ކުރާތާ އެތައް އަަހަރު ތަކެއް ވެއްޖެއެެވެ. އެކަމުގައި ސައިންސްވެރިންނަށް ގިނަ ކާމިޔާބީތަކެއްވެސް ހޯދިިފައިވާއިރު، އަދިވެސް ސައިންސްވެރިންނަށް ދެނެގަނެވިފައި ނުވާއެތައް ވައިރަހެއް ވާކަން އެނގެނީ މިއަދު ދުނިޔެއަށް ކުރިމަތިވެފައި މިއޮތް ހާލުންނެވެ.

2009 ވަނަ އަހަރުގެ އެމެރިކާގެ އެންޖީއޯއެއް ކަމަށްވާ އިކޯ-ހެލްތް އެލަޔަންސް އާއި ޔުނިވަރސިޓީ އޮފް ކެލިފޯނިއާ ޑޭވިސް އިން އިސްނަގައިގެން ޖަނަވާރުންގެ ގައިން އިންސާނުންނަށް ޖެހޭ ބަލިތަކުގެ އަސްލު ހޯދުމަށް ޕްރެޑިކްޓް ގެ ނަމުގައި ހާއްސަ ޕްރޮޖެކްޓެއް ވަނީ ފަށާފައެވެ. މިޕްރޮޖެޓްގައި ދަ ސްމިތްސޯނިއަން އިންސްޓިޓިއުޓް، ދަ ވައިލްޑްލައިފް ކޮންޒަވޭޝަން ސޮސައިޓީ އޮފް މެޓާބިއޯޓާއިން ދަނީ މިދިޔަ 10 އަހަރު މަސައްކަތް ކުރަމުންނެވެ.

ޕީޓާ ޑަސްސަކް އަކީ އިކޯ-ހެލްތް އެލާޔަންސް ގެ ޓީމު ހިންގުމުގައި އިސްކޮށް ހުންނެވި ބޭފުޅާއެވެ. އޭނާގެ ޓީމުގެ މައްސޫލިޔަތަކީ ވާލާއި، އެހެން ޖަނަވާރުންގެ ގައިގައި ހުންނަ ބަލިތަކާއި ވައިރަސްތަށް ހޯދުމެވެ. އެއީ އެވައިރަސްތަކުގެ ތެރެއިން އިންސާނުންނަށް ޖެހިދާނެ ވައިރަސް އަދި ބަލިތަށް ދެނެގަތުމަށެވެ. އަދި ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ޖެހި މިހާރުވެސް ފެތުރެމުންދާ ބަލިތަކުގެ އަސްލު ހޯދާ ފަރުވާ ހޯދުމަށެވެ. މީގެއިތުރުން އާންމުކޮށް އިންސާނުންނަށް ބަލި ފަތުރާ ޖަނަވާރުތަށް ގިނަ ސަރަހައްދުތަކުގައި އުޅޭ މީހުންގެ މެދުގައި ފެތުރޭ ބަލިތަށް ދެނެގަތުންވެސް އެއީ މިފަދަ ފަރާތްތަކުގެ މަސައްކަތެކެވެ.

ޕްރެޑިކްޓް ޕްރޮޖެކްޓް ގެ ދަށުން އިކޯ-ހެލްތް އެލަޔަންސް ގެ ޓީމްތަކުން ވަނީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި ވިއްސަށްވުރެ ގިނަ ޤައުމަށް ދަތުރުކޮށް، ވާލާއި މިފަދަ ޖަނަވާރުތަށް އުޅޭ ހޮހޮޅަތަކަށް ގޮސް، އެކިއެކި ވައިރަސްތަކުގެ އަސްލު ހޯދުމުގައި ކުރިއެރުންތަކެއް ހޯދާފައެވެ. މިފަދަ މަސައްކަތްތަކަށް އެތައް އަހަރެއް ހޭދަވެއެވެ. އަދި ވަކިވަކި ސަރަހައްދުތަކުގައި ޓީމްތަށް ދިގު މުއްދަތަށް މަސައްކަތް ކުރަންޖެހެއެވެ.

މިގޮތުން އޭނާގެ ޓީމުން އެންމެ އިސްކަމެއް ދޭ އެއް ސަރަހައްދަކީ ޗައިނާގެ ޔުނާން ޕްރޮވިންސް އެވެ. އެއީ މިއީ ދުނިޔޭގައިވެސް ވާލުގެ އާބަދީ ބޮޑު އަދި ހޮހޮޅަތަށް ގިނަ އެއް ސަރަހައްދުވީމައެވެ.

ޔުނާން ޕްރޮވިންސްގައި އިކޯ-ހެލްތް އެލާޔަންސް ގެ ޓީމް މަސައްކަތް ކުރާ ގޮތުގެ ކުރު ތަފްސީލެއް ދޭނަމަ ބުނަން ޖެހޭނީ މިއީ ދަތި މަސައްކަތެއް ކަމަށެވެ. ރައްކާތެރިވުމަށް އެކި ފިޔަވަޅު އަޅަންޖެހެއެވެ. ހަޒްމަޓް ސޫޓާއި އެހެނިހެން ޕްރޮޓެކްޓިވް ގިޔަރ ލައިގެން ގޮސް ހޮހޮޅަ ކައިރީގައި އިރު އޮއްސޭ ގަޑިއަށް ތައްޔާރުވެ ތިބެއެވެ. އަދި ހޮހޮޅައިގެ ތެރެއިން އިރުއޮއްސޭ ވަގުތު ކާން ނުކުންނަ ވާލުގެ ތެރެއިން ބައެއް ވާ ދާޖަހާ ހިފައެވެ. މިގޮތަށް ހިފާ ވާތަށް ހޭނައްތާ އޭގެ ގައިން ލެޔާއި، ކުޅު އަދި އެހެނިހެން ސާމްޕަލްތަށް ނަގައެވެ.

ޑަސްސަކް ގެ ޓީމުން މިހާތަނަށް ވަނީ މިދިޔަ 10 އަހަރުގެ ތެރޭގައި 15،000 ވާލުގެ ސާމްޕަލް ނަގާފައެވެ. އަދި މިހެން ނެގިފައިވާ ސާމްޕަލްތައް ބޭނުންކޮށްގެން ވަނީ ކޯރޯނާ ވައިރަސްގެ 500 ވައްތަރެއް ދެނެގަނެވިފައެވެ. 2013 ވަނަ އަހަރު މިގޮތުން ހޯދުނު އެއް ސާމްޕަލްއިން ކޯވިޑް-19 އާއި ގުޅުން ހުރި އެހެން ވައިރަހެއް ވަނީ ދެނެގަނެވިފައެވެ.

މިމަސައްކަތް ކުރުމަށް ޕްރެޑިކްޓް ޕްރޮޖެކްޓަށް މިހާތަނަށް ވަނީ 200 މިލިއަން ޑޮލަރުގެ މާލީ އެހީތައް ދީފައެވެ. އަދި މިޕްރޮޖެކްޓް ފެށުނުފަހުން މިހާތަނަށް ވަނީ ކޮރޯނާ ވައިރަސްގެ އިންސާނުންނަށް ޖެހޭ 5 ވައްތަރެއް ފާހަގަކޮސް ދެނެގަނެވިފައެވެ. އޭގެތެރޭގައި ކޯވިޑް-19 ވެސް ހިމެނެއެވެ. ޕްރެޑިކްޓް ޕްރޮޖެކްޓްގެ ލެބްތަކާއި މަސައްކަތް މިހާރު ދަނީ 31 ޤައުމެއްގައި ކުރަމުންނެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެކި ޤައުމުތަކުން ނަގަންމުންދާ ފިޔަވަޅުތަކާހުރެ މިފަރާތްތަކުގެ މަސައްކަތުގެ ތެރެއިން ސާންޕަލްތަށް ނެގުމުގެ ބައި މިވަނީ މިދަނޑިވަޅު ހުއްޓާލަން ޖެހިފައެވެ. އެހެންނަމަވެސް ކޯވިޑް-19 އަށް ޓެސްޓުރުމުގެ ކަންތަަކުގައި މިޓީމްތަކުގެ އެހީތެރިކަން ދަނީ އެފްރިކާ، އޭޝިޔާ އަދި މިޑްލް އީސްޓްގައި ދެމުންނެވެ.

އިކޯ-ހެލްތް އެލާޔަންސް އިން ބުނީ ދުނިޔޭގެ ކަންކަން ހަމައަކަށް އެޅެން ފެށުމުން އެމީހުން ކުރިން ކުރަމުން ދިޔަ މަސައްކަތް އަލުން ފަށާނެކަމަށެވެ. އަދި އެއަށް ފަހު ކޯވިޑް-19 އާއި ބެހޭ އިތުރު ތަފްސީލްތަށް ހޯދުމުގެ މަސައްކަތް ފަށާނެކަމަށެވެ.