ވިޔަފާރި

މަޓާޓޯ އަދި ބޯޓިން އެސޯސިއޭޝަނުން މިރަމަޟާންމަހު 500 މީހުންނަށް ކާންދެނީ


މަޓާޓޯ އަދި ބޯޓިން އެސޯސިއޭޝަނާއި ކޮކާކޯލާ ގުޅިގެން މިރަމަޟާންމަހު 500 މީހުންނަށް ކެއިންބުއިން ހަމަޖައްސައިދޭން ނިންމައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް، މަޓާޓޯ އާއި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވިދާޅުވީ ރަމަޟާންމަސް އައިއިރު ކޯވިޑް19 ގެ ސަބަބުން ގިނަބަޔަކު ބޯހިޔާވަހިކަން ގެއްލިފައި ތިބިކަމަށެވެ. އެހެންކަމުން އެފަރާތްތައް އިތުރަށް ހާލުގައި ޖެހުނަނުދީ ކެއިންބުއިމާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށް މުޖްތަމައުގެ އެހީތެރިކަމާއި އެއްބާރުލުން އެފަރާތްތަކަށް ބޭނުންވާކަމަށެވެ. އެހެންކަމުން ކޯވިޑް19 ގެ ސަބަބުން ހާލުގައި ޖެހި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ފަރާތްތަކަށް އެހީވުމަށް އެ 2 ޖަމިއްޔާއިން ނިންމާފައިވާކަމަށެވެ. އެގޮތުން ހާލުގައި ޖެހިފައިވާ 500 ފަރާތަކަށް މި ރަމަޟާން މަހު ކާތަކެތި ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.

އެޖަމިއްޔާތަކުން މާލެ އަދި ހުޅުމާލޭގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު ކާބޯތަކެތި ފޯރުކޮށްދޭނީ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއި އެކުގައެވެ.

މަޓާޓޯ އަދި ބޯޓިން އެސޯސިއޭޝަނުން ބުނީ ކާބޯތަކެތި ތައްޔާރުކުރުމަށް ސަލްސާ ކޭޓަރިންގެ އެހީތެރިކަމާއިއެކު މާލެއިން ބަދިގެއެއް ލިބިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ހުޅުމާލެއިން ބަދިގެއެއް ހޯދުމުގެ މަސައްކަތްކަމަށެވެ. އަދި ރާއްޖޭގެ އެހެން ޖަމިއްޔާ ޖަމާއަތްތައްވެސް މިކަމުގައި ބައިވެރިވެ މިވަގުތު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އުންމީދުކުރާކަމަށް އެޖަމިއްޔާތަކުން ވަނީ ބުނެފައެވެ.