ޚަބަރު

ކޯވިޑް-19 : މާލީ އެކި އިދާރާތަކުން ރާއްޖެއަށް 215.37 މިލިއަން ޑޮލަރުގެ އެހީދެނީ


ކޯވިޑް-19ގެ މިޙާލަތުގައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން 215.37 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް މަޝްވަރާކުރެވެމުންދާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ ދައުލަތުންދޭ ޚިދުމަތްތަކަށް ހުއްޓުމެއްނައިސް ކުރިއަށް ގެންދެވޭނެގޮތެއް މެދުވެރިކުރުމަށްޓަކައި ބޭނުންވާ ކޭޝްފްލޯ ހޯދައި މެނޭޖްކުރުމަށްޓަކައި ކުރާ މަސައްކަތްތަކާގުޅޭ ކަރުދާހުގައެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައަޅާފައިވާ ކަރުދާހުގައި ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ލިބޭނެ އެހީގެ ތަފްސީލް ހިމަނުއްވާފައިވެއެވެ.

އޭގެތެރޭގައި

  • 1- ވޯލްޑް ބޭންކުން - 30.10 މިލިއަން ޑޮލަރު: މީގެ ތެރެއިން 10 މިލިއަން އެމެރިކާ ޑޮލަރު ކެޓް - ޑީޑީއޯ ގެ ތެރެއިން ވަނީ ލިބިފައި، އަދި އެހެން މަޝްރޫޢުތަކަށް ލިބިފައިވާ ފައިސާ ބަޖެޓް ސަޕޯޓަށް ރީއެލޮކޭޓް ކުރުމަށް ދަނީ މަޝްވަރާކުރަމުން
  • 2- އޭޝިއަން ޑިވެލޮޕްމަންޓް ފަންޑު - 27.60 މިލިއަން ޑޮލަރު (މަޝްވަރާކުރަމުންދަނީ)
  • 3- އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް- 5 މިލިއަން ޑޮލަރު (މަޝްރާކުރަމުންދަނީ)
  • 4- އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު- 30 މިލިއަން ޑޮލަރު (މަޝްވަރާ ނިމި ބޯޑް އެޕްރޫވަލް މަރުހަލާގައި)
  • 5- އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑް- 25.59 މިލިއަން ޑޮލަރު (މަޝްވަރާކުރަމުންދަނީ)
  • 6- އޯޕެކް ފަންޑު ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)- 20 މިލިއަން ޑޮލަރު (ފައިސާ ހަމަޖެހި ދޫކުރުމުގެ މަގުމަތީގައި)
  • 7- އިންޓަރނޭޗަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ)- 50 މިލިއަން ޑޮލަރު (މަޝްވަރާކުރަމުންދަނީ)
  • 8- ސާކް ޑިވެލޮޕްމަންޓް ފަންޑު- 1.50 މިލިއަން ޑޮލަރު- (މަޝްވަރާކުރަނީ)
  • 9- ޔުނިސެފް- 0.18 މިލިއަން ޑޮލަރު
  • 10- އެޗް.އެސް.ބީ.ސީ، އެސްޓީއޯ ޓްރޭޑް ފައިނޭންސް ފެސިލިޓީ- 25 މިލިއަން ޑޮލަރު- (މަޝްވަރާކުރަމުންދަނީ)

މި 10 މާލީ އިދާރާއިން ޖުމްލަ 215.37 މިލިއަން ޑޮލަރުގެއެހީ ރާއްޖެއަށް ލިބޭނެކަމަށް ވަނީލަފާކޮށްފައެވެ. މީގެ އިތުރަށް، ރާއްޖޭގެ ރަހުމަތްތެރި ޤައުމުތަކާއެކު ބައިލެޓެރަލް ގުޅުންތަކުގެ ތެރެއިން ފައިސާ އާއި ހިލޭ އެހީ ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުންދާކަމަށްވެސް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ތަފާސް ހިސާބުތަކުގެ ކަރުދާހުގައިވެއެވެ.

"ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު" މި ނަމުގައި މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ މިކަރުދާހުގައި ރާއްޖެއަށް އަންނާނެކަމަށް ލަފާކުރާ އިޤްތިސާދީ ލޮޅުންތަކުގެ ތަފްސީލް ހިމަނާފައިވެއެވެ.