ޚަބަރު

ކޯވިޑް-19 : މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެންފެށިތާ މިވީ 2 ހަފްތާ


ދިވެހި މުޖުތަމައުގެ ތެރޭގައި ކޯވިޑް-19ގެ ބަލި މަޑުކަން ފެތުރެންފެށިތާ 2 ހަފްތާވަރު ވެދާނެކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގްޓީމްގެ ޑޮކްޓަރ ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖޭގައި ބަލި ފެނިފައިވާ ތާރީޚަށްބަލާއިރު މުޖުތަމައުގެ ތެރޭގައި ބަލިފެތުރެން ފެށިތާ 2 ހަފްތާވެދާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ ބަލި ޖެހުނު މީހުންނާއި ކޮންޓެކްޓްވި މީހުން ގިނަ އަދަދަކަށް ފާހަގަވެފައިވަނީ މި މުއްދަތުގެ ތެރޭގައިކަމަށެވެ. އަދި މިބަލި ފެތުރިގެންދާ ގޮތާއި، ބަލި ފެތުރޭ ނިސްބަތަށް ބަލާއިރު ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބަލި ފެތުރެމުންދަނީ މިފަދަ ގޮތަކަށްކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލުބޮޑުވެ ހާލަތު ގޯސްވާނެކަމަށް ލަފާކުރެވެނީ 5 އިންސައްތަ މީހުންކަމަށާ، އެމީހުންނަށް ވެންޓިލޭޓަރުގައި ޙިދުމަތް ދޭންޖެހޭނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ބަލި ކޮންޓްރޯކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި މި މަސައްކަތުގައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަންވެސް ލިބެމުންދާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

މަބްރޫކްވަނީ ރާއްޖޭގެ މިހާރުގެ ތަފާސް ހިސާބުވެސް ހާމަކުރައްވާފައި


  • ނެގިފައިވާ ސާމްޕަލްތަކުގެ އަދަދު 4271
  • ނެނެޓިވްވި ސާމްޕަލްތަކުގެ އަދަދު 3860
  • މިހާތަނަށް ނަތީޖާ ނުލިބިވާ ސާމްޕަލްތައް 344
  • ޕޮޒިޓިވް ވެފައިވަނީ 67 މީހެއް
  • ފަރުވާދެމުންދަނީ 49 މީހަކަށް
  • ޕޮޒިޓިވި މީހުންގެ ތެރެއިން 29 މީހުންނަކީ ދިވެހިން، 38 މީހުންނަކީ ބިދޭސީން
  • ކަރަންޓީންގައި 1141 މީހަކު
  • އައިސޮލޭޝަންގައި 115 މީހަކު
  • ބަލި ޖެހުނު މީހުންނާއި ސީދާ ދިމާވި މީހުންގެ ތެރެއިން ދެނެގަނެވިފައިވަނީ 945
  • މޮނިޓަރިންގެ ހާލަތުގައި 164 ތަނެއް


މިހާލަތާއި ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށްކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސަސީ ތަކެއްޗާއި ސާމާނު ލުއިގޮތަކަށް ލިބޭނެ އިންތިޒާމުވެސް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.