ޚަބަރު

މިއަދު ޕޮޒިޓިވްވި ބަނގްލަދޭޝް 2 މީހުންނަކީ އިޙްސާން ފިހާރާގައި މަސައްކަތްކުރާ ބައެއް


މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވި ބަނގްލަދޭޝްގެ 2 މީހުންނަކީ މާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ އިޙްސާން ފިހާރާގައި މަސައްކަތްކުރާ ދެމީހުންކަމަށް ސަރުުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ސިލްސިލާކޮށް ބާއްވާ ޕްރެސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި ކޭސް 53، 54، 58ގައި ހިމެނޭ މި 3 މީހުންނަކީ ބައްޔަށް ޝައްކުކުރެވޭ ޢަލާމާތްހުރެގެން ފްލޫކްލިނިކަށް ދެއްކުމުން ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި ބައެއްކަމަށެވެ. ކޭސް 55 އާާއި 57 އަކީ ކޭސް 29އާ ސީދާ ދިމާވި މީހުންގެ ތެރެއިން ފާހަގަކުރެވިގެން އައިސޮލޭޝަން ފެސިލިޓީގައި ތިބި މީހުންކަމަށެވެ. ކޭސް 56 އެއީ ކޭސް 34 ވަނަ މީހާއާއި ސީދާ ދިމާވި މީހުންގެ ތެރެއިން އެކަހެރިކޮށްފައިހުރި މީހެއްކަމަށާ، އަދި ކޭސް 59 އަކާއި ކޭސް 60 އަކީ އިޙްސާން ފިހާރާގައި މަސައްކަތްކުރާ ބަނގްލަދޭޝްގެ ދެ ރައްޔިތުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާ، ބައެއް މީހުން ގޭގައި އައިސޮލޭޓްވުމަށް ނުވަތަ އެކަހެރިވުމަށް އަންގާފައިވާނެކަމަށެވެ. އަދި އެންމެ ހައިރިސްކް މީހުންނާއި މީޑިއަމް ރިސްކް މީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްވެސް ކުރެވެމުންދާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކޮންޓްރެކްޓް ޓްރޭސްކުރުމަށް ކުރިން އެއްބާރުލުން ނުދިން މީހާވެސް ވަރަށް ފުރިހަމައަށް މިހާރު އެއްބާރުލުން ދެމުންދާކަަމަށާ، އޭނާއާ ސީދާ ދިމާވި މީހުން ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ.