ޚަބަރު

ކޯވިޑް-19 : ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރާ މަޝްވަރާކުރައްވައިފި


ކޯވިޑް-19 އައި ގުޅިގެން ރައްޖެއަށް ކުރިމަތިވެފައިވާ ސިއްޙީ އަދި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތެރީތެރިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރާއި ފޯނުން ގުޅުއްވާ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި ރާއްޖެއަށް ކުރިމަތިލާންޖެހޭ ދަތިތަކުން އަރައިގަތުމަށް އިންޑިއާއިން ރާއްޖެއަށް ވެވިދާނެ އެހީތެރިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައިވަނީ އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއާއި އެކުގައިކަމަށާއި، ޚާއްޞަކޮށް މިފަދަ ދަތި އުނދަގޫ ބަލިމަޑުކަމެއްގެ ދަނޑިވަޅުގައި އަވަށްޓެރި ގާތް ޤައުމުތަކާއިއެކުކަމަށެވެ. އެގޮތުން ރާއްޖޭގެ ސިއްޙީ އަދި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް އިންޑިއާއިން އެހީތެރިވާނެކަމަސް މޯދީ ވިދާޅުވެފައިވެއެވެ.

ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގ ެތެރެއިން މި ބަލިމަޑުކަމުގެ ދަނޑިވަޅުގައިވެސް އިންޑިއާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ތިން މަހުގެ ބޭސް ރާއްޖެއަށް ހަދިޔާކުރައްވާފައިވެއެވެ. އަދި ރާއްޖެއަށް އިންޑިއާއިން ގެނައުމަށް ކުރިން ހަމަޖެހިފައިވާ ބޭސް އެ ޤައސުމުގެ އެކި ސްޓޭޓްތަކުގައި ތާށިވެފައިވަނިކޮށް ވަނީ އެޤައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ގެނެސްފައެވެ. އަދި އިންޑިއާއިން އެކްސްޕޯޓް މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި، ޚައްޞަކޮށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށްވެސް ވަނީ ހުއްދަދީފައެވެ.

މީގެ އިތުރުން އިންޑިއާއިން އިސްނަގައިގެން ސާކް ޤައުމުތަކުގެ މެދުގައި ހުޅުވި ކޯވިޑް ރިލީފް ފަންޑަށް އެކި ޤައުމުތަކުން އެހީތެރިވެފައިވެއެވެ. އެގޮތުން އިންޑިއާއިން މިފަންޑަށް 10 މިލިއަން އެމެރިކާ ޑޮލަރު އެ ފަންޑަށް ދޭން ނިންމާފައެވެ. ރާއްޖެއިންވެސް ވަނީ ދެލައްކަ ޑޮލަރު ފަންޑަށް ދޭން ނިންމާފައެވެ. އަދި ސާކްގެ އެހެން ޤައުމުތަކުންވެސް ފަންޑަށް ފައިސާ ދޭން ނިންމާފައިވެއެވެ.