ކޯވިޑް-19

ކޯވިޑް-19 : ހޮސްޕިޓަލް ތެރޭގައި މައްޔިތުންގެ މޫނުދެއްކުން އައި.ޖީ.އެމް.އެޗުން ވަގުތީގޮތުން ހުއްޓާލައިފި


އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ތެރޭގައި މައްޔިތުންގެ މޫނު ދެއްކުން ވަގުތީގޮތުން ހުއްޓާލަައިފިއެވެ.

އައި.ޖީ.އެމް.އެޗުން ވިދާޅުވީ، މައްޔިތާގެ މޫނު ހޮސްޕިޓަލްގެ ތެރޭގައި ދެއްކުން ވަގުތީގޮތުން ހުއްޓާލީ މާލޭ ސަރަޙައްދުގައި ކޯވިޑް-19 އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ނުވަތަ ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާ ގުޅިގެން ރެޑް އެލާޓަށް އެސަރަޙައްދު ލާފައިވުމުން، ހޮސްޕިޓަލުގެ މުވައްޒަފުންނާއި ޢާއްމުންގެ ރައްކާތެރިކަމަށްޓަކައެވެ.

މިގޮތަށް ނިންމެވީ، މި ޙާލަތުގައި މުޖުތަމައުގައި ބަލިޖެހިފައި، ނަމަވެސް އެކަން ނޭނގި، އަދި ބަލީގެ ޢަލާމާތްތައް ގިނަ ބަޔަކު ތިބޭނެކަމަށް ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވެފައިވާތީ، ހޮސްޕިޓަލް ތެރެއަށް ބަލި ވަދެ، ޑޮކްޓަރެއް، ނަރުހެއް ނުވަތަ އެނޫންވެސް މުވައްޒަފަކަށް ބަލި ޖެހިއްޖެނަމަ، ބަލީގެ ނުރައްކާ އެތައްގުނައަކަށް އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރެވޭތީކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ބަޔާންނުކުރެވޭ ވަރުގެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އައި.ޖީ.އެމް.އެޗްގައި މީހަކު ނިޔާވުމުން، މީގެކުރިން ގިނަ ޢަދަދެއްގެ ބަޔަކު މައްޔިތާގެ މޫނުދެކިލުމަށް ހޮސްޕިޓަލަށް ދިޔަނަމަވެސް، މިޙާލަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންނަށާއި، ހޮސްޕިޓަލަށް ޖަމާވާ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ހޮސްޕިޓަލުގައި މަރުވާ މައްޔިތުންގެ މޫނު ހޮސްޕިޓަލް ތެރޭގަައި ދެއްކުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. އަދި ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މޫނު ދެކިލުމަށް ނުވަތަ އެނޫންވެސް ގޮތަކުން މައްޔިތާ ދެކިލުމަށް އެދޭ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލާއި، އިސްލާމިކް މިނިސްޓްރީން ސަހަރާގައި އެ އިންތިޒާމް ހަމަޖައްސާގޮތަކަށް ޢަމަލުކުރެއްވުމަށް އެ ހޮސްޕިޓަލުން ވަނީ އެދިވަޑާއިގެންފައެވެ.

މިވަގުތު އޮތް ނުރައްކާތެރި އަދި ނާޒުކު ހާލަތުގެ ސަބަބުން މައްޔިތާގެ މޫނު ބެލުމަަށް ހޮސްޕިޓަލް ތެރެއަށް އާއްމުން ވަނުމަަށް ހުއްދަދެވެން ނެތްކަަމަަށްވެސް އައި.ޖީއެމް.އެޗުން ވިދާޅުވެފައިވެއެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ނުރައްކާ ރާއްޖެއަަށްވެސް ބޮޑުވަމުންދާ މިދަނޑިވަޅުގައި އާއްމުން އެއްވާ ހޮސްޕިޓަލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.