ކޯވިޑް-19އަށް މާލެއިން ޕޮޒިޓިވްވި މީހެއްގެ ސަބަބުން މުޅި ރާއްޖެއަށް އޮތް ނުރައްކާ ބޮޑުވެއްޖެއެވެ. މިމީހާއާ ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު އޭނާގެ ފަރާތުން އެއްވެސް އެއްބާރުމެއް ނުދޭކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.
އެން.އީ.އޯ.ސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި 36 ވަނަ ބިދޭސީ މީހާއަކީ އެއްވެސް ޤާނޫނީ ޑޮކިއުމަންޓެއް ނުވަތަ އެއްވެސް ލިޔެކިއުމެއް ނެތް މީހެއްކަމަށެވެ. އޭނާ އަކީ މާލޭގެ ތޮއްޖެހިފައިވާ ތަންތަނުން އެކި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިންމިމަހުގެ 12ވަނަ ދުވަހު އަމީން ހިޔާގެ ސްޓާފް ކުއާރޓާއަށް ބަދަލުވެފައިވާ ބިދޭސީ މީހެއްކަމަށެވެ.
އޭނާ މިމަހުގެ 15ވަނަ ދުވަހު ހުން އައިސްގެން ހުޅުމާލެއިން މާލެއައިސް އަމިއްލައަށް ބޭސް ފިހާރަކުން ބޭސް ގަނެގެން ބޭސްކައިފައިވާކަމަށެވެ. އޭގެ ފަހުން އިއްޔެ އޭނާ ފްލޫ ކުލިނިކަށް ދެއްކީކަމަށާއި، އެއަށްފަހު ނެގި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނުއިރު ޕޮޒިޓިވްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
"މިވަގުތު އޭނާ ހުރީ މާލޭގެ ގެއެއްގަ. އެ ސެލޫން ކައިރީގައި ހުރި އެގެ މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވޭ. މިއާއެކު އޭނާ ހުޅުމާލޭގައި ހުރި ތަންވެސް މޮނިޓަރިންއަށް ގެނެސްފަ. އެތަންތަނުގައިވެސް ބަލީގެ އަލާމާތް ހުރި މީހުން ތިބިތޯ އަދި އަލާމާތް ހުރި މީހުންގެ ޓެސްޓްތައް ހެދުމުގެ ކަންކަން ކުރިއަށްދާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޭސް 37 އިން ފެށިގެން ކޭސް 49 ވަނަ މީހާއާއި ހަމައަށް ޕޮޒިޓިވްވި 13 ބިދޭސީ މީހުންނަކީ ލިލީ އެންޓަޕްރައިޒްގައި މަސައްކަތްކުރާ ބަނގްލަދޭޝް މީހުންކަމަށާއި، މި އެންމެންނަކީ އެއްތަނެއްގައި ދެ ފްލޯއެއްގައި ދިރިއުޅޭ ބައެއްކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެމީހުންނަކީ ފިހާރާގައި މަސައްކަތްކުރާ އަދި ޑެލިވަރީގައި އުޅޭމީހުންކަމަށާއި، މި ކޭސްތަކުގެ ކޮންޓްރެކްޓް ޓްރޭސް ކުރުން ކުރިއަށްދާކަަމަށްވެސް ވިދާޅުވިއެވެ.
"ކޭސް 50 އަދި 51 އެއީ ކޭސް 28 އައި ގުޅުންހުރި މީހުން. ކޭސް 50 އާއި 51 އެއީ ބްރައިޓް ބްރަދާސްގައި މަސައްކަތްކުރާ އިންޑިއާގެ ދެ ރައްޔިތުން. އޭމީހުންނަކީ އެކި ގޭގެއަށް މަސައްކަތްކުރަން ގޮސްފައިވާބައެއް. އަދި އެ ގޭގެވެސް މިހާރު ދެނެގަނެފައިވޭ. އަދި އެ ގޭތަކުގެ މީހުންނައި ކޮންޓެކްޓްވި މީހުންވެސް ހޯދާ ސަމްޕަލް ނަގަންޖެހޭ މީހުންގެ ސާމްޕަލް ނަގާފައިވާނެ. މި ދެމީހުންގެ އެއްވެސް އަލާމާތެއް އަދި ނެތް. ހަމައެކަނި ކޭސް 28 އާ ގުޅުންހުރީ." ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ހއ. އުލިގަމުން ޕޮޒިޓިވްވި ދިވެހި މީހާއަކީ މާލެ އައިސް ރަށަށް ދިޔަ މީހެއްކަަމަށްވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.