ވިޔަފާރި

ޑެލިވަރީ ސިސްޓަމަށް ބަދަލުވެ، މުޅި ދުނިޔެ ކުރިމަތިލަމުންދާ ދަތިތައް!


ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެއަށް އަންނަމުދާ ބަދަލުތަކުގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށް ތަކެތި ގަތުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލަކީ އާންމުންނަށްވެސް، ހިދުމަތްދޭ ފަރާތްތަކަށްވެސް ފަސޭހަ ބަދަލެއް ނޫނެވެ. ބޮޑެތި މުޖުތަމައުތައް ފުރަބަންދަށް ދިއުމުން، ގޭގެއަށް ޑެލިވަރީކުރުމުގައި ވިޔަފާރިތަކުން ގިނަ ގޮންޖެހުންތަކަކާއި ދަނީ ކުރިމަތިލަމުންނެވެ.

ކުއްލިއަކަށް އެތައް މިލިއަން ބަޔަކު އޮަންލައިންކޮށް، ނުވަތަ ގުޅައިގެން ތަކެތި ގަންނަން އުޅުމުން ހިދުމަތްދޭ ފަރާތްތަކަށް އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިވެއެވެ.

އިންޑިއާގެ ބައެއް ސިޓީ ތަކުގައި އޮންލައިންކޮށް ހަމައެކަނި ގަނެވެނީ ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެއްޗެވެ. އަނެއްކޮޅުން ބައެއް ސިޓީތަކުގައި ވަނީ ކޮންމެ ދުވަހަކު އޯޑަރު ކުރެވޭ މިންވަރު ކޮންޓްރޯލްވެސް ކޮށްފައެވެ. ބައެއް ސަރަހައްދުތަކުގައި ފިހާރަތަށް ހުޅުވައެވެ. ނަމަވެސް ތަކެތި ގަތުމަށް 2 ގަޑިއިރާއި 5 ގަޑިއރާއި ދެމެދުގެ ވަގުތެއް ހޭދަވެއެވެ.

ސްރީލަންކާގައި ވެސް އޮންލައިން އަދި ފޯނުން ގުޅައިގެން ވިޔަފާރި ކުރެވޭ އިންތިޒާމްތަށް ވަނީ ހަމަޖައްސާފައެވެ. ފުރަތަމަ ކޮޅު މިކަމުގައި ހިދުމަތްފޯރުކޮށްދޭ އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް ދަތިތަކާ ކުރިމަތިވި ކަމަށް ސްރީލަންކާގައި އުޅެ ބައެއް ފަރާތްތަކުން ބުނެއެވެ. އޯޑަރު ލިބުމަށް ބައެެއް ފަހަރު 7 ވަރަކަށް ދުވަސްވެސް ނެގިކަމަށް ވެއެވެ. ފިހާރައަކަށް ގޮސް ހިދުމަތް ހޯދާނަމަ 4-5 ގަޑިއިރު ކިއުގައިވެސް ހުންނަން ޖެހުނުކަމަށް ބައެއް ފަރާތްތަކުން ބުނިއެވެ.

މެލޭޝިއާއަށް ބަލާނަމަ އޮންލައިންކޮށް އޯޑަރު ދިނުމުން ތަކެތި ފޯރުކޮށްދިނުމަށް ދެތިން ދުވަސް ނަގާކަމަށް ބައެއް ފަރާތްތަކުން ބުނިއެވެ. ބައެއް ފިހާރަތަށް ހުޅުވާ ހިދުމަތް ދެއެވެ. ނަމަވެސް ފިހާރަތަކުން ތަކެތި ގަންނަވެސް ކިއު ހަދައިގެން ގިނަ އިރުތަކެއް ހޭދަވެއެވެ.

ޗައިނާއަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ޝޮޕިންގެ ހިދުމަތް ފޯރުކޮށްދޭ އެއްޤައުމެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ޤައުމު އެކުގައި ފުރަބަންދަށް ދިއުމުން ޗައިނާގައިވެސް ފުރަތަމަ ބޮޑެތި ދަތިތަކާއި ކުރިމަތިވިއެވެ. ބައެއް ޑެލިވަރީތަށް ފޯރުކޮށްދިނުމަށް ޗައިނާގައި 1-2 ހަފްތާ ނެގިކަމަށްވެސް ހަބަރުތަށް ބުނެއެވެ. މިހާރު އާންމު ހާލަތަށް ޤައުމު ބަދަލުވަމުންދާއިރު، އާންމު ފިހާރަތަކުން ތަކެތި ގަތުމަށް ބޮޑެތި ކިއުތައް ހަދައ އެތަށް ގަޑިއިރެއް ހޭދަކުރަންޖެހެއެވެ.

އިނގިރޭސިވިލާތަށް ބަލާލާނަމަ އެޤައުމުގެ ބައެއް ސަރަހައްދުތަކުގައި އޮންލައިންކޮށް ޑެލިވަރީ ހިދުމަތް ލިބުމަށް ރެޖިސްޓަރކުރުމަށްވެސް ދެ ހަފްތާއެއްހާ ދުވަސް ނަގާކަމަށް މައުލޫމާތު ލިބެއެވެ. އަދި ދޭ އޯޑަރުތަށް ޑެލިވާ ވާންވެސް ދުވަސް ނަގައެވެ. ބައެއް ފަހަރު 7 ދުވަސްވެސް ނަގާކަމަށް ރިޕޯޓްތަށް ބުުނެއެވެ.

އެމެރިކާގެ އެންމެ ބޮޑު އީކޮމާސް ކުންފުނި އެމޭޒަން އަކީ އެތައް ހާސް މުވައްޒަފުން ގެންގުޅޭ ކުންފުންޏެކެވެ. ނަމަވެސް މިދަނޑިވަޅުގައި އެމޭޒަންއިންވެސް ވަނީ އިތުރު 170 ހާސް މުވައްޒަފުން ނަގާފައެވެ. ހަމަ ޑެލިވަރީ ލޯޑް ބޮޑުވެ، ހިދުމަތް ދިނުމުގައި ދަތިވުމުންނެވެ. ހިދުމަތް އަވަސް ކުރާށެވެ. ނަމަވެސް މިއީ މަލްޓި މިލިއަން ޑޮލަރުގެ ބޮޑު ކުންފުންޏެކެވެ. އޮންލައިންކޮށް ހިދުމަތްދޭ ހުރިހާ ކުންފުނިތަކަކީ މިހާ ބޮޑު ކުންފުނިތަކެއްވެސް ނޫނެވެ.

ގިނަ ޤައުމުތަކުގައި އޮންލައިންކޮށް ހިދުމަތްދޭ ފަރާތްތަކުން ބުނީ ކުއްލިއަކަށް އައި މިބަދަލަށް ހޭނުމަށް އެފަރާތްތަކަށްވެސް ދުވަސް ނަގާނެކަމަށެވެ. ނަމަވެސް އިތުރު ޓެކްނޮލޮޖީއާއި، ވަސީލަތްތަށް ބޭނުންކޮށް ހިދުމަތް އަވަސްކުުރުމަށް މިޤައުމުތަކުގެ ވިޔަފާރިތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ހިދުމަތް ލަސްވުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކުއްލިއަކަށް ގިނަ އަދަދެއްގެ އޯޑަރުތަށް ލިބެން ފެށުމުންކަމުން މިކަން ހައްލު ކުރުމަށް ދުވަސް ނަގާނެކަމަށް އެފަރާތްތަކުން ބުނެއެވެ،