ރާއްޖޭގައި ހިންގާ ބޭންކްތަކުގެ ޚިދުމަތްތައް އަލުން ދޭން ފަށާނެ ގޮތުގެ ތަފްސީލް އާދީއްތަ ދުވަހު ހާމަކުރާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން މިހެން ބުނެފައިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ބަޔަކު ފެނުމާ ގުޅިގެން ރާއްޖޭގައި ހިންގާ ހުރިހާ ބޭންކްތަކަކުން ދޭ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެމްއެމްއޭއާއި ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގައި ހިންގާ އެހެން އަމިއްލަ ބޭންކުތަކުންވެސް ބައެއް ޚިދުމަތްތައް އޮންލައިންކޮށް އަންނަނީ ދެމުންނެވެ. އެމްއެމްއޭއިން ކޮށްފައިވާ ޓުވީޓެއްގައިވަނީ އަސާސީ ބޭންކިންގެ ޚިދުމަތް ލިބެން ހުންނާނެ ގޮތް އެމްއެމްއޭއާއި ބޭންކުންތަކުން ހަމަޖައްސާ އެކަމުގެ ތަފްސީލް އާދީއްތަ ދުވަހު އެމްއެމްއޭއިން އިޢުލާންކުރާނެކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ އެކުގައި ލޮކްޑައުން ހާލަތަށް ގެނައި އިއްޔެއެވެ. އެއަށްފަހު ލޮކްޑައުން މިއަދު މިވަނީ އަނެއްކާވެސް 24 ގަޑިއިރަށް އިތުރުކޮށްފައެވެ. ލޮކްޑައުންއާއި ގުޅިގެން ސަރުކާރާއި އަމިއްލަ ޚިދުތްތަށްދޭ ބައެއް ތަންތަން މިވަނީ ބަންދުކޮށް، ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމްތައް އަންނަނީ ތަޢާރަފްކުރަމުންނެވެ.
ކޯވިޑް-19 އާއި ގުޅިގެން އާންމުން ގޭގައި ތިބުމަށް ބާރުއެޅުމަށް ފިހާރަތަކުންވެސް ގެންދަނީ ޑެލިވަރީގެ ޚިދުމަތް ދެމުންނެވެ. މިގޮތުން ކުރާ ވިޔަފާރިތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމަށްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.