ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތްދޭނެ ގަޑިތައް ފުލުހުން އާންމުކޮށްފިއެވެ.
މާލެ ސިޓީން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގެ އެލަރޓް ލެވެލް ރަތަށް ބަދަލުކޮށް މާލެ ލޮކްޑައުން ކުރުމާ ގުޅިގެން އާންމުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
ފުލުހުން ވިދާޅުވީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތްދޭނީ:
ހެނދުނު : 14:00 - 09:00
މެންދުރުފަހު: 18:00 - 15:00
ރޭގަނޑު: 23:00 - 20:00
ކޯވިޑް-19އާ ގުޅިގެން މާލޭގައި ލޮކްޑައުންގެ ހާލަތު އިއުލާންކޮށްފައިވާ ވަގުތުތަކުގައި ޑެލިވަރީގެ ޚިދުމަތްދޭ ފަރާތްތަކަށް އެކަމުގެ ޚާއްޞަ ހުއްދައެއް ފުލުހުން ވަނީ ދޫކުރަން ފަށާފައެވެ. އެގޮތުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މި ހުއްދަ ހޯދުމަށް ފުލުހުންގެ އޮންލައިން ސިޗްވޭޝަން ރޫމަށް ރިކުއެސްޓު ކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ޑެލިވަރީތަކަށް ބޭނުންވާ ފާސް ހޯދުމަށް މެއިލް މެދުވެރިކޮށް އެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މިފުރުސަތު [email protected] މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.
މިހާރު ކުރިމަތިވެފައިވާ ހާލަތުގައި މާލެ ފުރަބަންދުކުރާ ވަގުތުތަކުގައި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ރެޖިސްޓަރ ކުރުމަށް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ. މާލޭ ސިޓީ ކައުންސިލުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑެލިވަރީ ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކައުންސިލްގެ "ފަސޭހަ ގުޅުން" ޕޯޓަލްގައި (https://faseyhagulhun.malecity.gov.mv) ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ މި ޕޯޓަލްގައި މިހާތަނަށް 362 ފިހާރައަކުން ވަނީ ރަޖިސްޓަރ ކޮށްފައެވެ. މީގެ ތެރޭގައި މާލޭގެ 334 ފިހާރައަކާއި ވިލިމާލޭގެ 30 ފިހާރައެއްގެ އިތުރުން ހުޅުމާލޭގެ 90 ފިހާރައެއް ހިމެނެއެވެ.