ދުނިޔެ

ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ


ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ އަރަބި
އެލަޔަންސުން މަސައްކަތް ކުރަނީ ހޫޘީ ހަނގުރާމަވެރިންގެ އަތްދަށުން ޔަމަންގެ
ވެރިރަށް ސަންއާ މިނިވަންކުރަން ކަމަށް އެއެލަޔަންސުން ބުނެފިއެވެ.
އަރަބި އެޔަލަންސްގެ ނަމުގައި ވާހަކަ ދެއްކެވި ސައޫދީ
އަސްކަރީ ތަރްޖަމާން އަހްމަދުލްއުސައިރީ ވިދާޅުވީ އަރަބި އެލަޔަންސްގެ އަމާޒަކީ
ހޫޘީންގެ އަތްދަށުން ސަންއާ މިނިވަންކުރުމަށްފަހު ޔަމަންގެ ސަރުކާރު އަދަނުން
ސަންއާއަށް ބަދަލުކުރުން ކަމަށެވެ.

ޔަމަންގެ ހޫޘީ ހަނގުރާމަވެރިން އެމީހުންގެ ކޮންޓްރޯލްގެ
ދަށަށް ސަންއާ ގެނައުމާއެކު ރައީސް އަބްދުއްރައްބޫ މަންސޫރު ހާދީއާއި އޭނާގެ
ކެބިނެޓްގެ މެމްބަރުން ޔަމަނުން ފިއްލަވައިގެން ސައޫދީ އަރަބިޔާއަށް
ވަޑައިގެންފައިވަނީ މިދިޔަ މާޗްމަހުއެވެ. އެއާއެކު ސައޫދީ އަރަބިޔާވަނީ އެގައުމު އިސްކޮށް
އޮވެގެން ގަލްފުގެ ބައެއް އަރަބި ގައުމުތައް ހިމަނައިގެން އެލަޔަންސެއް
އެކުލަވާލުމަށްފަހު މިދިޔަ މާޗްމަހުގެ 26 ގައި ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް
ސީދާގޮތެއްގައި ވަދެގެންފައެވެ. 

ސައޫދީ މަސްއޫލުވެރިން ވިދާޅުވާގޮތުގައި މިއެލަޔަންސްގެ
ބޭނުމަކީ ހޫޘީ ހަނގުރާމަވެރިން އަސްކަރީގޮތުން ބަލިކޮށް އެމީހުންގެ އަތުން
ހަތިޔާރު ނިގުޅައިގަތުމާއި، ރައީސް ހާދީއާއި އޭނާގެ ސަރުކާރު އަނބުރައި
ސަންއާއަށް އަނބުރައި ގެންދިޔުމެވެ. މިކަމަށްޓަކައި ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން
ޔަމަނަށް ވައިގެމަގުން ޙަމަލާތައް ދެމުންގެންދާތާ ހަތަރުމަހަށްވުރެ
ގިނަދުވަސްވެފައިވާއިރު މިޙަމަލާތަކުގެ ސަބަބުން ސަންއާއާއި އަދަންފަދަ ޔަމަންގެ
ބޮޑެތި ސިޓީތަކުގެ އިންފްރާސްޓްރަކްޗަރ ވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. އަދި ޔަމަންގެ
އާންމުންގެ އެތަށްހާސް ބަޔަކު މަރުވެ އެތައް ލައްކަ ބަޔަކުވަނީ ރެފިއުޖީންނަށްވެ
ޙާލުގައިޖެހިފައެވެ. 

ފާއިތުވި ހަތަރުމަހު މެދުކެނޑުމެެއްނެތި ސައޫދީ ސިފައިން
ޔަމަނަށް ދެމުންގެންދިޔަ ވައިގެ ޙަމަލާތަކާއި ރައީސް ހާދީއަށް ތާއީދުކުރާ
ގަބީލާތަކުގެ ހަނގުރާމަވެރިން އެއްގަމު މަގުން ކުރަމުންގެންދާ ހަނގުރާމައިން
ލިބިފައިވާ ހަމައެކަނި ކާމިޔާބީއަކީ ޔަމަންގެ ދެކުނުގެ ސިޓީއެއްކަމަށްވާ
އަދަނުން ހޫޘީ ހަނގުރާމަވެރިން ފައްސާލުމަށްފަހު ރައީސް ހާދީގެ ސަރުކާރުގައި
ހިމެނޭ ބައެއް ވަޒީރުން އަނބުރައި އަދަންއަށް ގެންދިޔުމެވެ. ނަމަވެސް ޔަމަންގެ ރައީސް ހާދީއާއި އޭނާގެ
ބޮޑުވަޒީރާ އަދި ބައެއް ވަޒީރުން އަދިވެސް ދިރިއުޅުއްވަމުން ގެންދަވަނީ ސައޫދީ
ވެރިރަށް ރިޔާޒްގައެވެ. 

ސައޫދީ އަސްކަރީ ތަރްޖަމާން އަހްމަދުލްއުސައިރީ ވިދާޅުވީ
އަރަބި އެލަޔަންސްެގެ މިހާރުގެ އަމާޒަކީ އަދަން މިނިވަންކުރި ގޮތަށް ހޫޘީންގެ
އަތްދަށުން ސަންއާވެސް މިނިވަންކޮށް ރައީސް ހާދީއާއި އޭނާގެ ސަރުކާރުގެ ކެބިނެޓް
އެރަށަށް އަނބުރައި ގެނައުން ކަމަށެވެ. މިކަން ހާސިލްކުރުމަށްޓަކައި ހޫޘީންގެ އަތުން
ހަތިޔާރުވެސް އަތުލުމަށް ނިންމާފައިވާ ކަމަށާއި، ހޫޘީންނާ ވާހަކަ ދައްކައިގެން
ސުލްޙަވެރިކަމާއެކު މިކަންކަން ޙާސިލް ނުވެއްޖެނަމަ ބާރުގެ ބޭނުންކޮށްގެންވެސް
މިކަން ކުރާނެކަމުގެ އިންޒާރު އަހްމަދުލްއުސައިރީ ދެއްވިއެވެ. 

ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް
ސީދާގޮތެއްގައި ސައޫދީން ވަދެ ކުރަމުންގެންދާ ހަނގުރާމައަށް 4 މަސްވެފައިވާއިރު
ހަނގުރާމައިގެ ޖަރީމާއާއި އިންސާނީ ހައްގުތަކާ ޚިލާފު އެތައް އަމަލުތަކެއް
ޔަމަންގެ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ކަމުގެ ތުހުމަތުވެސް ސައޫދީ ސިފައިންގެ
މައްޗަށްވަނީ ކުރެވިފައެވެ. މީގެތެރޭގައި ސައޫދީ އަސްކަރީ މަތިންދާބޯޓުތަކުން ޔަމަންގެ
އާންމުންގެ ގެދޮރަށް ހަމަލާދިނުމާއި، ރެފިއުޖީން ރައްކާތެރިކަން ހޯދައިގެންތިބޭ
ހިޔާވަހިތަކަށް ހަމަލާދިނުމާއި ޔަމަންގެ މަދަނީ އިންފްރާސްޓްރަކްޗަރ ހަލާކުކުރުންފަދަ
ހަނގުރާމައިގެ ޖަރީމާކަމަށް ބެލެވޭ އެތައް ކަމެއް ހިމެނޭކަމަށް އިންސާނީ
ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި މިތުހުމަތުތަކަށް ސައޫދީން ރައްދު
ނުދޭކަމަށްވެސް އެެމްނެސްޓީއާއި، ހިޔުމަން ރައިޓްސް ވޮޗް ފަދަ އިންސާނީ ހައްގުތަކަށް
މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.

 ސައޫދީން ތުހުމަތުކުރާގޮތުން ޔަމަންގެ އިދިކޮޅު
ހޫޘީންނަކީ އީރާނުގެ ތާއީދު ލިބޭބައެކެވެ. އަދި ޔަމަން ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް
ވެއްޓުނީ ހޫޘީން ބާރުގެ ބޭނުންކޮށްގެން ރައީސް އަބްދުރައްބޫ މަންސޫރު ހާދީގެ
ސަރުކާރު ބަދަލުކޮށްލުމަށް އިންޤިލާބެއް ގެންނަން މަސައްކަތްކުރުމާ ގުޅިގެން
ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ.