ވިޔަފާރި

ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުވުން


މިއަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު %2.2 ދަށަށް ގޮސްފިއެވެ. ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިމިވަނީ ޔޫރަޕްގެ ބައެއް ސަރަހައްދުތަކާއި، މެދު އިރުމަތީގެ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބްތައް ދައްކާގޮތުން މިދިޔަ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 81،000 ފަތުރުވެރިން، މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 83،000 ފަތުރުވެރިންނެވެ.

ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ދަށަށްގޮސްފައިވީ ނަމަވެސް މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވަނީ %1.3 އިތުރުވެފައެވެ.އެގޮތުން ޖޫން މަހުގެ ނިޔަލަށް ހަ ލައްކަ ނުވަ ހާސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު މިދިޔަ އަހަރުގެ އެމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ހަ ލައްކަ އެއްހާސް ފަތުރުވެރިން ކަމަށް ތަފާސް ހިސާބްތަކުން ދައްކައެވެ.

ޖޫން މަހުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން މިދިޔަ ޖޫން މަހު ޗައިނާއިން އެއްލައްކަ ހަތްދިހަ އަށްހާސް ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިމުއްދަތުގައި ރާއްޖެއަށް ދެން އެއްމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޖަރުމަންވިލާތް، އިނގިރޭސިވިލާތް އަދި އިޓަލީވިލާތް ހިމެނެއެވެ.

ޖޫން މަހު ރާއްޖޭގެ އޮކިއުޕެންސީ ރޭޓް ހުރީ %53ގައެވެ. އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ 5 ދުވަހެވެ.