ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ބެލެނިވެރިންނަށް ދަރިންނާއެކު ގޭގައި ހޭދަކުރަން ލިބޭ ފުރުޞަތަކީ ދިވެހި ބަސް ކުރިއެރުވުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށް ދެކި އެގޮތުގައި މަސައްކަތް ކުރުމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން އެދިވަޑައިގެންފިއެވެ.
ކޯވިޑްގެ މިޙާލަތުގައި ކުދިންނާއިއެކު ބެލެނިވެރިން ގޭގައި ހޭދަކުރަން ލިބޭ ފުރުޞަތަކީ ބަސް ކުރިއެރުވުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް ދެކި އެގޮތުގައި މަސައްކަތް ކުރުމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ އެދިލައްވައިިފިިއެވެ.
ޕީއެސްއެމް ނިއުސްއިން ކުރިއަށްގެންދާ ލައިވްކަވަރޭޖްގައި ދިވެހި ބަހުގެ ދުވަހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫނު ވިދާޅުވީ ބަސް ކުރިއެރުވަން ޖެހޭކަމަށާއި، ދިވެހި ބަހުގެ ޝަޢުގު ކުޑަކުދިންގެ ހިތުގައި އަށަގަންނުވައިގެން ނޫނީ މިކަން ޙާސިލްނުވާނެކަމަށެވެ. އަދި މިކަން ކުރުމުގައި އާ ގޮތްތައް ހޯދާ އެ ގޮތްތަކުން ކުދިންނަށް ބަސް އުންގަންނައިދޭންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޚާއްސަކޮށް މިދުވަސްވަރު ކުދިން ގިނަވަގުތު ގޭގައި ހޭދަކުރާއިރު ބެލެނިވެރިން ދަރިންނާއެކު ބަހަށް ޝައުގުވެރިވާ ކަންކަން ކުރުން މުހިންމުކަމަށެވެ. ޚާއްސަކޮށް ފޮތް ކިއުމާއި، ކުދިންނަށް ޝުޢޫރުތައް ފާޅުކުރުމުގެ ފުރުޞަތު ދިނުމަކީ ކުރެވިދާނެ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ކުދިން ބުނަން ބޭނުންވާ ވާހަކަތައް ލިޔުމުން ފާޅުކުރުމުގެ ފުރުސަތު ދިނުން މުހިންމު. ވާހަކައެއް ލިޔެލެވިދާނެ. މިއީ މިފަދަ ވަގުތެއްގައި ގޭގަ ތިބޭއިރު ނަފްސާޅީ ދުވަޅަހެޔޮކަންވެސް އިތުރުވާނެ ކަމެއް. ނޫނީ ރަށުގައި ތިބި މާމަމެންނާއި ގުޅައިން ވާހަކަދެއްކިދާނެ. މިއީ ބަހަށް ވަރަށް ބޮޑަށް ފަރިތަވާނެ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޔުމްނާ ވިދާޅުވީ ޒަމާނާއެއްގޮތަށް ކިޔަވައިދޭ ގޮތްތައްވެސް ބަދަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުދިން ޝަޢުގުވެރިވާފަދަގޮތަށް ހުންނަ ދިވެހި އުފެއްދުންތައް އިތުރުކުރުންވެސް މުހިންމުކަމަށެވެ.
"ދިވެހި ފޮތްތަކާއި، ދިވެހިން ހުންނަ ގޭމުތަކާއި ޓީވީ ޕްރޮގްރާމްތައްވެސް އިތުރުކުރަންޖެހޭ. މި ދާއިރާއަށް އިތުރަށް މީހުން ބޭނުންވޭ. ޒުވާނުން މިފަދަ ކަންކަމަށް ވަންނަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބަހުގެ މުހިންމުކަން ކޯވިޑް-19ގެ މި ދަނޑިވަޅުގައިވެސް ފެންނަމުންދާކަމަށެވެ. އެގޮތުން ބޭރުބަހުން ހުންނަ ލިޔުންތައް ދިވެހި ބަހަށް ބަދަލުކޮށް ފޯރުކޮށްދިނުމަކީ، އެ މަޢުލޫމާތު އާއްމުންނަށް ފޯރުވުމުގައި އެންމެ ބޮޑު ދަޢުރު އަދާކުރާ ކަންތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.