ޚަބަރު

އިންޓަރނެޓް މެދުވެރިކޮށް ޔޫއޭއީގައި ކައިވެނިކޮށްދޭން ފަށައިފި


ކޯވިޑް-19 ފެތުރޭތީ ފުރަބަންދުކޮށްފައިވާ ޔޫއޭއީގައި އިންޓަރނެޓު މެދުވެރިކޮށް ކައިވެނިކޮށްދިނުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ޔޫއޭއީގައި މިހާތަނަށް 4500 އަށް ވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 25 އަށް އިތުރުވެފައެވެ. ބަލިމަޑުކަން ފެތުރޭތީ ޔޫއޭއީން ވަނީ އޭޕްރިލް 4 ވަނަ ދުވަހުން ފެށިގެން ދެހަފްތާގެ މުއްދަތަށް އެޤައުމު ފުރަބަންދުކޮށްފައެވެ.

ޔޫއޭއީގައި ކައިވެނި ރަޖިސްޓްރީކުރުމުގެ ކަންކަން ބަލަހައްޓާ ޝަރުޢީ ކަންކަމާބެހޭ ވުޒާރާއިން ވަނީ ކައިވެނި ކުރަން ބޭނުންވާ މީހުންނާ ބެހޭ މަޢުލޫމާތު ޙިއްޞާކޮށް، ކައިވެނިކުރުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ޙިއްޞާކުރުމަށް ޙާއްޞަ ވެބްސައިޓެއް ތައްޔާރުކޮށްފައެވެ. އަދި އެޤައުމުގައި ކައިވެނިކޮށްދިނުމުގެ ލައިސަންސް އޮންނަ ގާޒީންގެ ލިސްޓަކުން އެމީހެއްގެ ކައިވެނިކޮށްދޭން އެދޭ ގާޒީއެއް ނިންމަންޖެހެއެވެ.

ހުށަހަޅާފައިވާ ލިޔެކިޔުންތައް ފާސްވުމުން އިންޓަރނެޓު މެދުވެރިކޮށް ބާއްވާ ކައިވެނި ޙަފްލާއަށް ތާރީޚެއް ކަނޑައަޅައެވެ. އަދި ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބާއްވާ ޙަފްލާގައި ކައިވެނި ކޮށްދޭ ފަރާތުން ކައިވެނިކުރާ ދެމީހުންގެ ޑިޖިޓަލް ސޮއި ހޯދާއެވެ. އެއަށްފަހު އެދެމީހުން ކައިވެނި ކޮށްދެއެވެ.

ޙަފްލާއަށްފަހު ކައިވެނި ކޮށްދިން ގާޒީ އެ ކައިވެންޏާ ބެހޭ އެއްބަސްވުން އީމެއިލްގެ ޒަރިއްޔާއިން ކޯޓަށް ފޮނުވައެވެ. އެ އެއްބަސްވުން ކޯޓުން ފާސްކުރުމުން އެލިޔުން ކައިވެނިކުރި ދެމީހުންގެ ފޯނަށް ފޮނުވައެވެ.

އިންޓަރނެޓު މެދުވެރިކޮށް ކައިވެނިކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ނިންމީ މިހާރު ކުރިމަތިވެފައިވާ ޞިއްޙީ ނުރައްކަގެ ޙާލަތުގައި ޔޫއޭއީގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް، މިހާރު އޮތް ޙާލަތުގައިވެސް ޝަރުޢީ ކަންކަން ކުރިއަށް ގެންދެވޭނެ މަގެއް ދެއްކުމަށްކަމަށް ޔޫއޭއީގެ ރަސްމީ ނޫހުގައި ބުނެފައިވެއެވެ.