ވިޔަފާރި

12000 ލޯނު ފަސްކޮށްދިނުމަށް ހުށަހަޅާފައިވޭ - ބީއެމްއެލް


ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނު ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމާއެކު މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާކަމަށް ބީއެމްއެލްއިން ހާމަކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިންވަނީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ކަސްޓަމަރަކަށްވެސް ފަސޭހައިން ލޮގިންކުރެވޭ ގޮތަށް ލޯނާ ގުޅޭ ހުރިހާ މައުލޫމާތު އެކުލެވޭ އަދި ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހަޅޭ ގޮތަށް އޮންލައިން ޕޯރޓަލްއެއް ގާއިމްކޮށް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

ކޯވިޑް19 އާއި ގުޅިގެން ބީއެމްއެލްއިން ނަގާފައިވާ ލޯނުތައް ފަސްކުރުމަށް އެ ބޭންކުން ވަނީ ހުޅުވާލާފައެވެ. މިގޮތައް ފަސްކުރުމުން ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. މި މުއްދަތުގައި އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެ ކަމަށާއި، ޖެހިގެން އަންނަ 6 މަސްދުވަހު ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުންދާ އަދަދަށްވުރެ %20 މަދު އަދަދެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއްވައެވެ.

ލޯނުދެއްކުން ފަސްކުރި ފުރަތަމަ 6 މަސްދުވަހުގެ އިންޓަރެސްޓް، ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލުމަށް ހަމަޖެހިފައިވާ ކަމަށާއި، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް 6 މަސްދުވަސް އިތުރު ކޮށްފައިވާ ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.

ލޯނު ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެއެވެ. މިމުއްދަތު ތެރޭގައި ކަސްޓަމަރު ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވިދާނެ ކަމަށާއި، ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެން ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. އަދި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެކަމަށްވެސް ބީޢެމްއެލްއިން ވިދާޅުވެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންވެސް ނަގާފައިވާ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ފައިނޭންސިންގ ތެރެއިން މުރާބަހާ ފައިނޭންސިންގ ފިޔަވައި ހުރިހާ ފައިނޭންސިންގ އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތުވެސްކަސްޓަމަރުންނަށްވަނީ ހުޅުވާލާފައެވެ.