ޚަބަރު

ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ކަލެޓްރާ ދިނުމުން ފައިދާކުރޭ


ކޯވިޑް-19 ޖެހިފައިވާ ބަލިމީހުންނަށް ފަރުވާ ދިނުމުގައި އެޗްއައިވީއަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެއްކަމަށްވާ ކަލެޓްރާ ދިނުމުން ފައިދާކުރާކަމަށް ޗައިނާގެ ޑޮކްޓަރުން ބުނެފިއެވެ.

ޗައިނާގެ ވުހާން ސިޓީގައި ކޯވިޑް-19އަށް ފަރުވާދޭ ޖިންޔިންޓަން ހޮސްޕިޓަލު ހިންގެވުމާއި ހަވާލުވެ ހުންނެވި ޒޭން ޑިންޔޫ ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން ބަލި މީހުންނަށް ކަލެޓްރާ ދެމުންދާކަމަށާއި ކުރިން ކުރެވުނު ދިރާސާއާ ޚިލާފަށް އެބޭހުގެ ފައިދާކުރާކަން ދެނެގަނެވިފައިވާކަމަށެވެ. ޒޭން ވިދާޅުވީ ކަލެޓްރާގެ ދެ ބާވަތެއްގެ ބޭހެއްގެ އިތުރުން ބިސްމަތު ޕޮޓޭސިއަމް ސިޓްރޭޓުވެސް ކޯވިޑް-19 ޖެހިފައިވާ ބަލި މީހުންނަށް ދެމުންދާކަމަށެވެ. އޭނާ ވިދާޅުވީ ވުހާން ސިޓީގައި ޖެނުއަރީ މަހުގެ 6ވަނަ ދުވަހުން ފެށިގެން ބަލި މީހުންނަށް ކަލެޓްރާ ދެމުންދާކަމަށާއި އެކަމުގެ ނަތީޖާ ރަނގަޅުކަމަށް އޭނާ ޤަބޫލުކުރައްވާކަމަށެވެ.

ޗައިނާގެ ވުހާން ސިޓީގައި ކޯވިޑް-19 ފެތުރިންގެންދިޔަތާ ކުރީކޮޅު ޖިންޔިންޓަން ހޮސްޕިޓަލުގައި ކޯވިޑް-19އަށް ފަރުވާ ދިނުމަށް 500 މީހުންވަނީ އެންދުމަތިކޮށްފައެވެ. ނަމަވެސް މިހާރު އެހޮސްޕިޓަލުގައި ތިބީ 123 މީހުންނެވެ.