މިއަދު ދުނިޔޭގެ ގިނަ ޤައުމުތަކަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ ދާދި އެއް މަންޒަރުތަކެކެވެ. އިވިގެންދަނީ ދާދި އެއްކަހަލަ އަޑުތަކެކެވެ. އެއީ ކޯވިޑް-19 އިން އަރައިނުގަނެވިގެން އުޅޭ މަންޒަރުތަކެކެވެ. ގޭގައި ތިބުމަށް ރައްޔިތުންނަށް ގޮވާލާ އިލްތިމާސްކުރަމުންދާ އަޑެވެ.
ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ކޯވިޑް-19ގެ ވޭނުގައި މަރުވަމުންދާއިރު، މިވަގުތުވެސް އެތައް ބަޔަކު ދަނީ މި ބަލީގެ ނުރައްކަލާއި ވޭން ތަޙައްމަލު ކުރަމުންނެވެ. ހަމަ ލޮލަށްވެސް ނުފެންނަ ކުޑަ ވައިރަހަކާއި ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށްވެސް މިކަމުގެ ސަބަބުން އޮތް ނުރައްކާ ވަކި ކުޑައެކޭ ދެންނެވޭކަށް ނެތެވެ. އަދި އެގޮތަށް އަޅުގަނޑުމެން ޤަބޫލުކޮށްގެންވެސް ނުވާނެއެވެ.
ކޯވިޑް-19 މިއީ ކެއްސާ ކިބިހިއަޅާއިރު ބުރާ ކުޅުގެ ޒަރިއްޔާއިންނާއި ހަށިގަނޑުން ބޭރުވާ ދިޔަ ނުވަތަ ބޮޑީ ފްލުއިޑުގެ ޒަރިއްޔާއިން އެކަކުގެ ގައިން އަނެކެއްގެ ގަޔަށް ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މި ބަލި އެންމެ ނުރައްކާ ހާލަތަކަށް ފެތުރިފައިވާ ޤައުމުތައް އެ ހާލަތަށް ގޮސްފައިވަނީވެސް މިދެންނެވި ފަދައިން އެކެއްގެ ގައިން އަނެއްކެއްގެ ގަޔައަށް މި ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުންނެވެ. ކަން ދިމާކުރިގޮތުން މިއަދު ދުނިޔޭގެ ހާލަތަށް ބަލާލާއިރު، މި ބަލީގައި އެންމެ ބިރުވެރި ނާމާން މަންޒަރުތަކެއް ފެނިގެންމިދަނީވެސް އާބާދީގޮތުންނާއި އިޤްތިޞާދީގޮތުންނާއި، ޢުމްރާނީގޮތުން އަދި ވަސީލަތްތަކުގެ ގޮތުންވެސް އެންމެ ކުރިއަރާފާއިވާ ޤައުމުތަކުންނެވެ.
ބައެއް ޤައުމުތަކުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި އުއްމީދު ގެއްލޭ ހިސާބަށް ކަންކަންގޮސްފައިވެއެވެ. މީގެ ތެރެއިން ގިނަ ޤައުމުތަކަކީ ދުރާލާ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެންމެ އެކަށީގެންވާގޮތެއްގައި ނޭޅުމުގެ ސަބަބުން މި ޙާލަތަށް ގޮސްފައިވާ ޤައުމުތަކެކެވެ.
މިކަމުން އަރައިގަތުމަށްޓަކާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރާއްޖޭގައިވެސް މިއަންނަނީ ވަރުގަދަ ކުރަމުންނެވެ. މިއިން ކޮންމެ ފިޔަވަޅެއް އެޅުމުގައިވެސް ރާއްޖޭގެ ހާލަތަށާއި، މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޤައުމުތަކުގެ ތަޖުރިބާއަށް ވަރަށް ބޮޑަށް ރިޢާޔަތްކުރެއެވެ. ހަމަ އެންމެ މަޤްޞަދެއްގައެވެ. އެއީ އެންމެ ބޮޑުވަރުވެފައިވާ ޤައުމުތަކާއި އެއް ޙާލަތަކަށް ރާއްޖޭގެ ކަންކަން ވެއްޓުނަނުދީ، މިކަމުން މުޅި ޤައުމު އަރައިގަތުމެވެ. އެގޮތުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ މިއަދާ ހަމައަށް ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމުގެ ގޮތުން 30 އަށްވުރެ ގިނަ އެންގުން ކަމާބެހޭ ފަރާތްތަކުން އަންގާފައިވެއެވެ.
މީގެ ތެރެއިން މިވަގުތަށް އެންމެ މުހިއްމު ފިޔަވަޅެއް ގޮތުގައި އަޅާފައި ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އާއްމުން ނުކުމެއުޅުން މަނާ ވަގުތުތަކެއް ކަނޑައެޅުމެވެ. އޭޕްރީލްމަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަކި މުއްދަތެއްނެތްގޮތަށް ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މަގުމައްޗަށް ނުކުތުން މަނާކޮށް ގްރޭޓަރ މާލޭ ސަރަޙައްދުގައި ވަނީ އެ 3 ގަޑިއިރަށް ކާފިއު އިޢުލާންކޮށްފައެވެ.
މި 3 ގަޑިއިރުގެ ތެރޭގައި އާއްމު ދަތުރުފަތުރުގެ ޚިދުމަތްތައްވެސް ދިނުން ވަނީ މަނާކޮށްފައެވެ. މިއާ ޚިލާފުވާ ފަރާތްތަކަށް ނަސޭޙަތްތެރިވުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. މިފަދަ ފިޔަވަޅު އެޅުމުގެ އެންމެ މުހިއްމު ބޭނުމަކީވެސް މާލެފަދަ ތޮއްޖެހިފައިވާ ސަރަޙައްދެއްގައި މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުމުގެ ފުރުޞަތު ވީހާވެސް ކުޑަކުރުމެވެ. އިޖްތިމާޢީ ގައިދުރުކަން ބަހައްޓާ، ގޭގައި ތިބުމަށް ބާރު އެޅުމެވެ.
ނަމަވެސް މިކަމުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު އޭގެ އެންމެ ފުރިހަމަގޮތުގައި ޙާޞިލުވޭތޯ މިއީ މިއަދު ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި ކޮށްލުން މުހިއްމު ސުވާލެކެވެ. ކާފިއު ގަޑި ފެށެން 30 ހަކަށް މިނިޓެށް ވުމުން މަގުމަތީގެ ހަލަބޮލިކަން އިންތިހާއަށް ފެނިގެންދެއެވެ. ކާފިއު ގަޑި ހަމަވުމާއެކު، ހިނިހޮރަކުން ހިނިތަކެއް ނުކުމެގެންދާ ފަދައިން މާލޭގެ މަގުތައް އަނެއްކާވެސް ފުރާލައެވެ. މަގުތަކަށް ނުކުތުން މަނާ ގަޑީގައިވެސް މަގުތަކަށް ނުކުމެ އުޅުމުން ހުއްޓުވާ ނަސޭޙަތްތެރިވާ މީހުންގެ އަދަދުވެސް ވަކި މަދުވާ މަންޒަރެއް ނުފެނެއެވެ.
ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ ޚިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުން އަމިއްލަ ފުރާނައަށް ބެލުމެއްނެތި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރެއާއި ދުވާލު ހުއްޓުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ. އާއިލާއާއި ދުރުގައި އެތައް ވަގުތެއް އެއްވެސް ވަރުބަލިކަމެއްނެތި އެ ތިއްބެވީ ޤައުމީ ޚިދުމަތުގައި ނުކުމެއެވެ. ރައްޔިތުންގެ ފަރާތުން އެމީހުން އެދެނީ ހަމަ އެންމެ އެދުމެކެވެ. އެއީ ފަރުދީ ޒިންމާ މިކަމުގައި އަދާކުރެއްވުމެވެ.
އާއްމުންގެ ބައިވެރިވުމާއެކު މި ނުރައްކަލުން އަރައިގަނެވިދާނެކަން މިއަދު އެންމެ ބޮޑަށް ހާމަވެގެންދާ އެއް މިސާލަކީ މި ބަލި އުފަންވެގެން އައި ޗައިނާގެ ހޫބެއި ޕްރޮވިންސްގެ ވެރިރަށް ވޫހާން ސިޓީއެވެ. އެ ސިޓީން މިއަދު އެތައް އުއްމީދެއް މިކަމަށް ލިބިގެންދެއެވެ. ކޯވިޑް-19 އާއި ފެތުރުން ކޮންޓްރޯލްކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންގަމުންދިޔަ އިރުޝާދުތަކަށް ކިޔަމަންވުމުގައި އެ ސިޓީގެ ރައްޔިތުން މިވަނީ މުޅިދުނިޔެއަށް ނަމޫނާ ދައްކާފައެވެ. 70 އަށްވުރެ ގިނަ ދުވަހުގެ ފުރަބަންދަކަށްފަހު މިހާރު ވުހާން ސިޓީ އާއްމުންނަށް ހުޅުވާލާފައިވާއިރު، އެމީހުންގެ ފުށުން އަދިވެސް މި ފިޔަވަޅުތައް ލުއިކޮށް ދެކޭ މަންޒެއް ފެނިގެނެއްނުދެއެވެ. ހުރިހާކަމެއް ކުރުމުގައިވެސް ހިފަހައްޓަންޖެހޭ މިންގަނޑުތައް އެމީހުން ދަނީ ހިފަހައްޓަމުންނެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ނިސްބަތުން މަދެވެ. މިހާތަށް ފެނިފައިވަނީވެސް ހުސް އިމްޕޯޓެޓް ކޭސްތަކެކެވެ. މީހުން ދިރިއުޅޭ ރަށަކުން އަދި މިހާތަނަކަށް މި ބަލި ފެނިފައެއްނުވެއެވެ. ނަމަވެސް މިއީ އަދި އަތް އުރާލައިގެން ރައްޔިތުން ތިބެންވީ ވަގުތެއްނޫނެވެ. ފިޔަވަޅުތައް ލުއިކޮށް ދެކެންވީ ވަގުތެއްވެސް ނޫނެވެ.
ރާއްޖޭގެ ހާލަތައް ބަލައި މިހާރު އެންމެ ދެތިން ގަޑިއިރަށް ގޭތެރޭގައި މަޑުކުރަން އެންގުމުން އެކަން ކުރަން މިއަދު އަޅުގަނޑުމެން ނުކުޅެދިއްޖެނަމަ މާދަމާގެ ހާލަތަކީ ކޮބައިތޯއެވެ. ހާލަތު ބަދަލުވެ 3 ގަޑިއިރުގެ ބަދަލުގައި މަސްދުވަހު ގޭގައި ބަންދުވެފައި ތިބެންޖެހިއްޖެނަމަ ދެން ކުރިމަތިލާންޖެހޭ ދަތި މާ ބޮޑުވާނެއެވެ. މި ހާލަތަށް ޤައުމު ނުގެންގޮސް ޤައުމު ސަލާމަތްކުރުމުގެ ޒިންމާއަކީ ކޮންމެ ފަރުދެއްގެވެސް ބޮލުގައި އެޅިފައި އޮތް ޒިންމާއެކެވެ. އަމިއްލައަށް ފަރުވާކުޑަކޮށް ކޮށްލެވޭ ކުޑަކަމަކުންވެސް އަމިއްލަ ނަފްސާއި ލޯބިވާ އާއިލާވެސް ބޮޑު ނުރައްކަލަކަށް ހުށަހެލުން އެކަށީގެންވެއެވެ. އެހެންކަމުން މިއީ މިކަމާމެދު ވިސްނާލުން މުހިންމު ވަގުތެކެވެ. އަދި ރާއްޖޭގެ ހާލަތު އެހާ ގޯހެއް ނޫނެވެ. އެހެންނަމަވެސް ސިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯ ނުލެބިއްޖެނަމަ އެ ހާލަތު މާދަމާވެސް ބަދަލުވުން ގާތެވެ. އެހެންކަމުން އެ ބިރުވެރި ހާލަތަށް ޤައުމު ނުގެންދަން އެމީހަކަށް ކުރެވުނު ކަމެއް ކުރުން މުހިންމެވެ. ފަރުދީ ޒިންމާގެ މުހިންމު ކަމަކީ މިއީއެވެ.