ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާތީ ޞިއްޙީ ސާމާނު ހޯދުމުގައި ޗައިނާގެ އެހީތެރިކަމަށް ބްރެޒިލުން އެދެފިއެވެ.
ބްރެޒިލްގެ ޞިއްޙަތާބެހޭ ވަޒީރު ލުއިޒް އެންރިކޭ މަންދެތާ ވިދާޅުވީ ވެންޓިލޭޓަރާއި މާސްކުފަދަ ސާމާނު ހޯދުމުގައި ގިނަ ދަތިތަކަކާ ބްރެޒިލުން ކުރިމަތުލަމުންދާކަމަށެވެ. އަދި އެސާމާނު އަވަސް ގޮތަކަށް ހޯދުމުގައި ޗައިނާގެ އެހީތެރިކަމަށް އެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ބްރެޒިލަށް 40 މިލިއަނެއްހާ މާސްކު ބޭނުންވާކަން ފާހަގަކުރައްވާ މަންދެތާ މިދާޅުވީ ޗައިނާގެ ބާޒާރުން އެޢަދަދަށް މާސްކު ހޯދުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި އެކަމާގުޅޭގޮތުން ބްރެޒިލްގައި ހުންނަވާ ޗައިނާގެ ސަފީރާ މަޝްވަރާ ކުރައްވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި ޗައިނާއިން ވެންޓިލޭޓަރު ގަތުމާގުޅޭގޮތުންވެސް ދެބޭފުޅުންވަނީ މަޝްވަރާކޮށްފައެވެ.
ދެކުނު އެމެރިކާގެ އެންމެ ބޮޑު ޤައުމުކަމުގައިވާ ބްރެޒިލުގައި ކޯވިޑް-19 ޖެހިފައިވާ 14،000އަށްވުރެ ގިނަ މީހުން މިހާތަނަށް ފެނިފައިވެއެވެ. އަދި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 680އަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެޤައުމުން 100އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.