ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޢާއްމުރައްޔިތުން ބޭރަށް ނުކުމެ އުޅުން ވަކި ވަގުތުތަކެއްގައި މަނާކަމަށް ކަނޑައަޅުއްވިތާ މިހާރު މިވަނީ 6 ދުވަސް ވެފައެވެ. ވޭތުވެދިޔަ 6 ދުވަހަށް ބަލާލުމުން ފާހަގަކުރެވެނީ ޢާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަަމަށްޓަކައި އަޅުއްވާފައިވާ މި މުހިންމު ފިޔަވަޅާމެދު އިހްމާލުވާ ބަޔަކު އުޅޭކަމެވެ.
މީހުން ނިކުމެއުޅުން މަނާ ވަގުތުތަކުގެގޮތުގައި ކަނޑައަޅާފައި މިވަނީ ނިސްބަތުން ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެއީ 24ގަޑިއިރުގެ ތެރެއިން އެންމެ 3 ގަޑިއިރެވެ. ކޯވިޑް-19ގެ ނުރައްކާތެރިކަމާއި އެ ބަލި މުޖުތަމަޢުގެ ތެރެއަށް ފެތުރިގެން ހިނގައްޖެނަމަ ކޮންޓްރޯލްކުރުމަކީ ވަރަށް ނާދިރުކަމެއްކަން ދުނިޔޭގެ ބާރުގަދަ ބޮޑެތި ޤައުމުތަކުންވެސް މިދަނީ ފެންނަމުންނެވެ.
މިފަދަ ޚުޠޫރަތްތެރި ވަގުތެއްގައި ކޮންމެދުވަހަކު ހަވީރު 17:00އިން ރޭގަނޑު20:00އާ ހަމައަށް އެއްގޮތަކަށްވެސް ގެއިން ބޭރަށް ނުކުމެއުޅުމަކީ މަނާކަމެކެވެ. މިއީ ޤާނޫނީގޮތުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ. އެއާ ޚިލާފު ވެއްޖެނަމަ އަދަބު ލިބޭނެ ކުށެކެވެ. އެންމެހައި ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ކަމެކެވެ.
އެހެންނަމަވެސް މަނާވަގު ކަނޑައަޅައި އެކަން ތަންފީޒުކުރަންފެށި ފުރަތަމަދުވަހުވެސް ޤާނޫނާ ޚިލާފަށް މަގުމައްޗަށް ނުކުމެގެން 95 މީހަކަށް ނަޞޭހަތްދޭން ޖެހުނުކަން ފުލުހުން ފާހަގަކުރެއްވިއެވެ. މިފިޔަވަޅަށް 6 ދުވަސް ވެފައިވާއިރު މިކަމަށް ކިޔަމަންނުވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުކަން ފާހަގަވަމުން ދެއެވެ.
ބޭރަށް ނުކުތުން މަނާ ވަގުތު ނުކުމެގެން މިހާތަނަށް ޖުމްލަ 923 މީހަކު ފުލުހުންވަނީ ހިފަހައްޓައި ނަސޭހަތް ދީފައެވެ. އަދި 35 މީހަހަށް ވަނީ ދެވަނަ ފަހަރަށް ނަސޭހަތް ދީފައެވެ. އަދި ނަސޭހަތާއި އިންޒާރު އެކަކަސް ދީފައިވާކަމަށާ، މިހާތަނަށް ޖޫރިމަނާކޮށްފައިވަނީ ޖުމުލަ 2 މީހުންކަމަށް ފުލުހުން ވިދާޅުވެއެވެ. މަނާވަގުތު ބޭރަށް ނުކުންނަ މީހުން ޖޫރިމަނާކުރަނީ ޖުމުލަ 3 ފަހަރު ނަސޭހަތް ދިނުމަށްފަހުއެވެ.
މިއީ އާދައިގެ ކަމެއް ނޫނެވެ. ކޯވިޑް-19 ފެތުރިގެން ދިޔަނުދިނުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަމުންދާ މަސައްކަތަށް މި މީހުން މިއަޅަނީ ހުރަހެވެ. ޢާއްމު ރައްޔިތުންގެ ފުރާނަ މިމީހުން މިހުށަހަޅަނީ ނުރައްކަލަށެވެ. މިކަން މިހާރުން މިހާރަށް ހުއްޓާލަން ޖެހެއެވެ.