ވިޔަފާރި

ކޯވިޑް-19 : އިކޮނޮމިކް ޕެކޭޖުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ


ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ހުޅުވާލާފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖުތަކުން ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތަޢާރަފް ކުރައްވާފައެވެ. މިޕެކޭޖް މެދުވެރިކޮށް ވިޔަފާރިތަކަށް ލޯނު ދުކުރުމަށް މިމަހުގެ 8ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ހުޅުވާލާނެކަން މިހާރު މިވަނީ ޢިއުލާންކޮށްފައެވެ.

މިޕެކޭޖުގެދަށުން ވިޔަފާރިތަކަށް ދޫކުރާ ލޯނު ދޫކުރާނީ %6 އިންޓަރެސްޓް ރޭޓުގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކުގައެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރު ދުވަހުގެ ތެރޭގައެވެ.

އިކޮނޮމިކް ރިލީފް ޕެކޭޖުން ރިސޯޓްތަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން ރިސޯޓުތަކަށް ގިނަވެގެން ދޫކުރާނީ 7.71 މިލިއަން ރުފިޔާއެވެ. ރިސޯޓްތަކަށް ލޯނު ދޫކުރުމުގައި ދިވެހިން ހިންގާ ރިސޯޓްތަކާއި، ދިވެހި މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް %45 ނުވަތަ އެއަށްވުރެ މަތި ރިސޯޓްތަކަށް އިސްކަންދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އަދި 2019ވަނަ އަހަރު ވިޔަފާރިއަށް ފައިދާ ވެފައިވޭތޯއާއި 3 އަހަރުގެ ކޭޝްފްލޯ ހުރިތޯވެސްބަލާނެއެވެ. މީގެއިތުރުން ކޯވިޑް19އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް މުސަރަ ނުލިބޭގޮތަށް ޗުއްޓީއެއް ނަގަން މަޖުބޫރުކޮށްފައިވާ ރިސޯޓްތަކަށް މިލޯނެއް ނުލިބޭނެއެވެ.

2019ވަނަ އަހަރު ޢާމްދަނީގެ ގޮތުގައި 10 މިލިއަނަށްވުރެ އިތުރަށް ލިބިފައިވާ ރިސޯޓްނޫން އެހެނިހެން ވިޔަފާރިތަކަށްވެސް ލޯނު ދޫކުރާނީ ބީއެމްއެލްއިންނެވެ. މިސްކީމްގެ ދަށުން މިފަދަ ވިޔަފާރިތަކަށް ގިނަވެގެން ދޫކުރާނީ 1 މިލިއަން ރުފިޔާއެވެ. ދިވެހި ވިޔަފާރިތަކަށް އިސްކަންދޭއިރު ކޯވިޑް-19އާ ގުޅިގެން މުވައްޒަފުން ވަކިކޮށްފައިނުވާ ކުންފުނިތަކަށް ލޯނު ދިނުމުގައި އިސްކަންދޭނެއެވެ.

މިދިޔަ އަހަރު 10 މިލިއަނަށްވުރެ މަދުން ޢާމްދަނީ ލިބިފައިވާ ރިސޯޓުތައް ނޫން ވިޔަފާރިތަކަށް ލޯނު ދޫކުރާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. މިލޯނުތަކާ ގުޅުންހުރި އެންމެ ފަހުގެ މަޢުލޫމާތު ބީއެމްއެލްއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ހާމަކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19 އާގުޅިގެން އިކޮނޮމިކް ރިލީފް ޕެކޭޖުން މީގެ ކުރިންވެސް ސަރުކާރުން ވަނީ ބައެއް ކަންކަން ފަހިކޮށްދެއްވާފައެވެ. އޭގެތެރޭގައި، ކަރަންޓު ބިލުން %40 އަދި ފެންބިލުން %30 ސަބްސިޑައިޒް ކޮށްދިނުމާއި، އެކިއެކި ލޯނުތައް 6 މަސްދުވަހަށް ފަސްކޮށްދިނުން ހިމެނެއެވެ.