ޖަޕާނުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭތީ އެޤައުމުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ.
ޖަޕާނުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން ލަސްވެފައިވުމުން އެޤައުމުގެ ސަރުކާރަށްވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ޖަޕާނުގައި މިހާތަނަށް 3,906 މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 92އަށް އިތުރުވެފައެވެ. އެއީ ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރޭ ޤައުމުތަކާ އަޅާބަލާއިރު ދަށް ޢަދަދެއް ނަމަވެސް ވައިރަސް ޖެހޭ މީހުންގެ ޢަދަދުދަނީ އެޤައުމުގައި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
އެހެންކަމުން ޖަޕާނުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭވަނީ އިޢުލާނުކުރައްވާފައެވެ. ކަމާބެހޭ މާހިރުންގެ ލަފަޔާ އެއްގޮތަށް އެއްމަސް ދުވަހުގެ މުއްދަތަށް ޞިއްހީ ކުއްލި ޙާލަތު ޢިއުލާނުކުރީ ވެރިރަށް ޓޮކްޔޯއާއި އިތުރު 5 ސަރަޙައްދެއްގައެވެ. އަދި ވައިރަހުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް 990 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ނިންމާފައިވާކަމަށްވެސް ޖަޕާނުގެ ބޮޑުވަޒީރުވަނީ އިޢުލާނުކުރައްވާފައެވެ. އެއީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ ޖަޕާނުގެ އިޤްތިޞާދީ ފައިދާގެ 20 އިންސައްތައެވެ.
ބޮޑުވަޒީރު އަބޭ ވިދާޅުވީ ޞިއްހީ ކުއްލި ޙާލަތު އިޢުލާނުކުރެއްވީ ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެންފަށައިފިނަމަ އާންމުންގެ ދިރިއުޅުމަށާއި ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެތީކަމަށެވެ. އަދި އާންމުންގެ ފުރާނައާއި ޞިއްޙަތަށް އަބަދުވެސް އިސްކަން ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވިނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް ރަސްމީ ފުރަބަންދެއް އިޢުލާނުކުރައްވާފައެއް ނުވެއެެވެ.
ޞިއްހީ ކުއްލި ޙާލަތު އިޢުލާނުކުރުމުން ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެހީތެރިވާނެކަމަށާއި އެކަމުގެ ސަބަބުން އިޤްތިޞާދީ ކަންކަން ކުރިއަށް ގެންދިއުމަށް ފުރުޞަތު ލިބޭނެކަމަށް ބޮޑުވަޒީރު އަބޭ ވިދާޅުވިއެވެ.