ކޯވިޑް-19

ކޯވިޑް19 - އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އައިސީޔޫގައި


ކޯވިޑް19 އަށް ޕޮޒިޓްވެފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ބޮޑުވަޒީރު ޖޯންސަންއަށް ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ ވަރަށް ބޮޑަށް ހާލު ދެރަވުމާއި ގުޅިގެން ރޭގެ ވަގުތެއްގައެވެ.

ޖޯންސަން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ ވަނީ މިދިޔަމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ވައިރަސް އަށް ޕޮޒިޓިވްވެފައިވާކަން އެނގުމުން އުމުރުން 55 އަހަރުގެ ޖޯންސަން ވަނީ ޑައުނިންގ ސްޓްރީޓުގެ އެޕާޓްމަންޓެއްގައި އެކަހެރިވެވަޑައިގަންނަވާފައެވެ. އެއަށްފަހު ބަލީ އަލާމަތްތައް ގިނައިން ފެނުމާއި އަދި ހުން ނުފިލާ ހުރުމުގެ ސަބަބުން ޖޯންސަން ވަނީ އިތުރު ޓެސްޓްތަކެއް ހެދުމަށް މީގެ ދުވަސްކޮޅެއްކުރިން ހޮސްޕިޓަލަށް ބަދަލުކުރިއެވެ. ޖޯންސަން އައިސީޔޫއަށް ބަދަލުކުރީ އެޑުމިޓް ކުރިފަހުންވެސް ޖޯންސަންގެ ހާލު ދެރަވުމާއި ގުޅިގެނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރަސްމީ އޮފީހުން ވިދާޅުވީ ޖޯންސަންގެ ބަދަލުގައި މިވަގުތު ސަރުކާރު ހިންގަވާނީ އެގައުމުގެ ފޮރިން ސެކްރެޓަރީ ޑޮމްނިކް ރާބް ކަމަށެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް ޖުމްލަ 51806 މީހަކު ވަނީ ކޯވިޑް 19އަށް ޕޮޒިޓިވްވެފައެވެ.