ކޯވިޑް-19އާ ގުޅިގެން މެލޭޝިއާގައި ނާދެވިފައިތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންއިން މާދަމާ ބޭއްވުމަށް ހަމަޖެއްސި ފްލައިޓް ފުލްވެ، ބުކިންސް ހެދުން ހުއްޓާލާފައިވާކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.
މޯލްޑިވިއަންއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބޯޓުގެ ޖާގަ ފުލްވެފައިވާތީ ބުކިންސް ހެދުން ހުއްޓާލާފައިވާ ކަމަށާއި، އެހެން ފްލައިޓެއް ހަމަޖެހުމުން އެކަން ހާމަކުރާނެކަމަށެވެ.
މޯލްޑިވިއަންއިން މާދަމާ މީހުން ގެންނަނީ 200 މީހުންގެ ޖާގައިގެ ފްލައިޓެއްގައެވެ. މިދަތުރުގެ ޓިކެޓް ވިއްކާފައިވަނީ 330 ޑޮލަރަށެވެ. ޖާގަ ދީފައިވަނީ އޮންލައިންކޮށް ހުޅުވާލުމުން އެކަމަށް އެންމެ ފުރަތަމަ ހުށަހެޅި 200 މީހުންނަށެވެ.
ކޯވިޑް19 އާ ގުޅިގެން އެކި ޤައުމުތަކުގައި ތިބި ރައްޔިތުންގެ ތެރެއިން މިކަމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް އިސްކަންދީގެން ހުރިހާ އެންމެންވެސް ރާއްޖެ ގެނައުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ލަންކާގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންއިން ބޭއްވި ފްލައިޓްގައި 100 ދިވެއްސަކު ވަނީ ރާއްޖެ ގެނެސްފައެވެ. މިފްލައިޓުން ރާއްޖެ އައި މީހުންގެ ތެރޭގައި ހިމެނެނީ ލަންކާގައި ތިބި ރާއްޖޭގެ ފުޓްބޯލް ކްލަބެއް ކަމަށްވާ ޓީސީގެ 30 ކުޅުންތެރިންނާއި އާސަންދައާ ގުޅިފައި ތިބި 20 މީހުންގެ އިތުރުން މިކަމަށް ހުޅުވާލުމުން ފުރަތަމަ ކުރިމަތިލި މީހުންގެ ތެރެއިން 50 މީހުންނެވެ.
މޯލްޑިވިއަންއިން ވަނީ ކޮޗިންގައި ތިބި ދިވެހިންނަށް ޚާއްސަކޮށްގެންވެސް ފްލައިޓެއް ބާއްވާފައެވެ. މިފްލައިޓުން 188 މީހުން ވަނީ ރާއްޖެ ގެނެސްފައެވެ. މިފްލައިޓުން އައި މީހުންގެ ތެރެއިން 117 މީހުންނަކީ މޯލްޑިވިއަންގެ ފްލައިޓެއް ތާށިވުމުގެ ސަބަބުން ނާދެވިފައި ތިބި ބައެކެވެ. އަދި ކޮޗިންގައި ބޭސްފަރުވާގައި ތިބި 71 މީހަކުވެސް މިފްލައިޓްގައި ރާއްޖެ ގެނައެވެ.
ސަރުކާރުން މަޢުލޫމާތުދޭ ގޮތުގައި ކުރިއަށްއޮތް ދުވަސްތަކުގައިވެސް ރާއްޖެއަށް ނާދެވިފައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާނެއެވެ.