ޚަބަރު

ކޯވިޑް-19 : އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް މަޖިލީހުން އެކުލަވާލި ތަސައްވުރު ރައީސަށް އަރުވަނީ


ރާއްޖޭގެ މިހާރުގެ ހާލަތުން އަރައިގަތުމަށް ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާގެ މަތީން އެކުލަވާލާ ތަސައްވަރު އަންނަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާއަށް އަރުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަމުންދާ ގެއްލުންތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކުރައްވަމުންދާ މަސައްކަތް ހާމަކޮށްދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިހާލަތަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތެއްކަމުން މިހާލަތުން އަރައިގަތުމަށްޓަކައި ރަނގަޅު ދިރާސާތަކެއްކޮށް އެ ދިރާސާތަކުން ފާހަނގަވާކަންކަން ރަނގަޅުކުރުމަކީ މިދަނޑިވަޅުގައި ކުރުން މުހިންމު ކަމެއް ކަމަށެވެ.

މިހާތަލުގައި ރާއްޖޭގެ އާމްދަނީ އިންތިހާއަށް މަދުވެގެންދާނެކަން ރައްޔިތުންވެސް ޤަބޫލުކުރައްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ހުރަސްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކޮށް ރައްޖޭގެ އިޤްތިޞާދު ކޮޅަށްޖެހޭނެ ގޮތްތަކެއް ހޯދުމަކީ މިދަނދިވަޅުގައި މުހިންމުކަމެއްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާގެ މަތީިން މަޖިލީހުން ޚާއްސަ ތަސައްވުރެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކޮމިޓީތަކާ ގުޅިގެން ކުރައްވާ މަސައްކަތުން މި ތަސައްވަރު އަންނަ ހަފްތާއަަށް އެކުލަވާލުމަކީ އެންމެ ބޮޑަށް ކުރައްވާނެ ކަންތައްކަމުގައިވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި މިހާލަތުގައި މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައިވާ އަދަދުތަކަށް ބަލައިގެން ޤައުމުގެ ކަންކަން ހިންގަން އުދަގޫވާނެކަމަށާ، މިހާލަތުން އަރައި ގަނެވޭނީ ގުޅިގެން ކުރެވޭ މަސައްކަތަކުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއެކޭ އެއްފަދައިން ކޯވިޑް-19ގެ ސަބަބުން އަވައްޓެރި ޤައުމުތަކާއި، ދުނިޔޭގެ ބޮޑެތި ޤައުމުތަކަށްވެސް އިޤްތިޞާދީގޮތުން ލޮޅުން އަރާފައިވާއިރު، މިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ ހުރިހާޤައުމުތަކުން ގުޅިގެން ކުރެވޭ މަސައްކަތަކަށް މިދަނޑިވަޅުގައި ވާންޖެހޭކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި ވަކިން ޚާއްސަކޮށް މިކުރެވޭ މަަސައްކަތުގައި ރާއްޖޭގެ މަސްވެރިކަމުން މަންފާ ފުޅާކޮށް ލިބޭނެ ގޮތްތަކާއިމެދު މަޝްވަރަކުރެވި ތަސައްވަރު އެކުލެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.