ޚަބަރު

އެމޭޒޮން ޖަންގަލީގެ ޤަބީލާތަކަށްވެސް ކޯވިޑް-19ގެ އަސަރުކޮށްފި


ބްރެޒިލްގެ އެމޭޒޮން ޖަންގަލީގައި އުޅޭ އަންހެނަކަށް ކޯވިޑް-19 ޖެހިއްޖެއެވެ. އެމޭޒޮން ޖަންގަލީގައި 300އަށްވުރެ ގިނަ ޤަބީލާއަށް ނިސްބަތްވާ އެތައް ހާސް މީހުން ދިރިއުޅެއެވެ. މިއީ އެޖަންގަލީގައި ދިރިއުޅޭ މީހަކަށް ކޯވިޑް-19 ޖެހިފައިވާކަމަށް ރިޕޯޓުކުރެވުނު ފުރަތަމަ ފަހަރެވެ.

ކޮކަމާ ޤަބީލާއަށް ނިސްބަތްވާ 20 އަހަރުގެ އަންހެނަކަށް ވައިރަސް ޖެހިފައިވަނީ އެމޭޒަން ކޯރުން 880 ކިލޯމީޓަރު ދުރުގައި އޮންނަ ސެންތޯ އެންތޯނިއޯ ޑޯ އިކާއިންނެވެ. ވައިރަސް ޖެހިފައިވާ ހަތަރު މީހުން އެސަރަޙައްދުން މީގެ ކުރިން ފެނިފައިވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރެއްވެސް ހިމެނެއެވެ. އެއާއެކު ޖަންގަލިތަކުގައި ދިރިއުޅޭ ޤަބީލާތަކަށް ކޯވިޑް-19 ފެތުރިދާނެކަމުގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ.

ބްރެޒިލް ސަރުކާރުން ބުނީ ވައިރަސް ޖެހުނު އަންހެން މީހާއަކީ އެޑޮކްޓަރާ ބައްދަލުވެފައިވާ ޞިއްޙީ ފަރުވާދޭ މީހެއްކަމަށެވެ. 15 ޞިއްހީ އެހީތެރިކަންނާއި 12 ބަލިމީހުންނަށް އެޑޮކްޓަރުވަނީ ބައްދަލުވެފައެވެ. ނަމަވެސް އެމީހުންގެ ތެރެއިން ކޯވިޑް-19 ޖެހިފައިވަނީ އަންހެން މީހާއަށް އެކަންޏެވެ. އެމީހާގެ ހަށިގަނޑުން ކޯވިޑް-19ގެ އެއްވެސް ޢަލާމާތެއް މިހާތަނަށް ފެނިފައިނުވާކަމަށް ބްރެޒިލްގެ ސަރުކާރުން ބުނެއެވެ. އެމީހާއާއި އޭނާގެ އާއިލާ މިހާރުވަނީ އެކަހެރިކުރެވިފައެވެ.

ކޯވިޑް-19 ޖެހުނު ޑޮކްޓަރަކީ ބްރެޒިލްގެ ދެކުނުގެ ސަރަޙައްދެއްގައި ޗުއްޓީ ހޭދަކުރުމަށްފަހު އެމޭޒޮން ޖަންގަލީގައި ދިރިއުޅޭ އެންމެ ބޮޑު އެއް ޤަބީލާކަމުގައިވާ ޓިކުނަސް ޤަބީލާއާއެކު މަސައްކަތްކުރަމުންދިޔަ މީހެކެވެ. ޓިކުނަސް ޤަބީލާއަށް 30،000އަށްވުރެ ގިނަ މީހުން ނިސްބަތްވެއެވެ. އެމީހުން ދިރިއުޅެނީ ޕެރޫއާއި ކޮލަމްބިއާއާއެކު ބްރެޒިލް ޙިއްސާކުރާ ސަރަޙައްދީ ރޮނގުކައިރީގައިއެވެ.

ޤަބީލާތަކުގެ މީހުންގެ މެދުގައި ކޯވިޑް-19 ހަލުވިކޮށް ފެތުރެންފަށައިފިނަމަ އެމޭޒޮން ޖަންގަލީގައި ދިރިއުޅޭ 850،000އަށްވުރެ ގިނަ މީހުން ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓޭނެއެވެ. ޤަބީލާތަކުގެ މީހުން ދިރިއުޅެނީ އެއްތަނެއްގައި ކައިރިކައިރީގައިކަމުން އެންމެ މީހަކަށް ވައިރަސް ޖެހުނަސް ގިނަ ޢަދަދެއްގެ މީހުންނަށް އޭގެ އަސަރުކުރުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

މީގެ ކުރިންވެސް ވިލާތުގެ ޤައުމުތަކުގައި ފެތުރޭ ނުރައްކާތެރި ބަލިތައްވަނީ އެމޭޒޮން ޖަންގަލީގައި ދިރިއުޅޭ މީހުންނާ ހަމައަށް ފޯރާފައެވެ. އޭގެ ސަބަބުން އެޤަބީލާތަކުގެ ގިނަ ޢަދަދެއްގެ މީހުންވަނީ މަރުވެފައެވެ.