ކޯވީޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސްދުވަހުގެ ޢިނާޔަތެއް ދައުލަތުން ދޭނެކަމަށް ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ އެލެވަންސް ދޭނީ އޭޕްރީލް މަހުގެ 1ވަނަ ދުވަހުންފެށިގެން ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށްކަމަށެވެ. ނަމަވެސް ވަޒީފާ ގެއްލޭ މީހުންނަށް ދޭނެ އެލެވެންސްގެ ޢަދަދު މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މަޢޫލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އިޢުލާންކޮށްފައިވާ 1.5 ބިލިއަން ރުފިޔާގެ "ސްޓިމިއުލެސް ޕެކޭޖް"އިން ރިސޯޓްތަކަށް ފައިސާ ދޫކުރާނީ އެރިސޯޓްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަމުގެ ޔަޤީންކަންދިނުމުންކަމަށެވެ. ނަމަވެސް ރިސޯޓްތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ފައިސާ ދޭނީ "ސްޓިމިއުލަސް ޕެކޭޖު"ގެ ތެރެއެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ވަރަށް މުހިންމު ކަމެއް ވަޒީފާ ގެއްލޭ މީހުން ރަޖިސްޓރީކުރުން. "ޓީމް"އިން އެބައޮތް ޢަދަދެއް ޙިއްސާކޮށްފައި ރިސޯޓުތަކުން ވަޒީފާ ގެއްލުނު މީހުން. އެހެންވެ މިދަންނަވަނީ ފޯމަލް މެކޭނިޒަމެއްގެ ތެރއިން މިކަންކުރަން. އަޅުގަނޑު އެދެން ޖޮބް ސެންޓަރގައި ރަޖިސްޓްރީކުރުން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ސަރުކާރުން ފައިސާ ހޯދުމަށް ދެގޮތަކަށް މަސައްކަތްކުރައްވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއްގޮތަކީ ދިވެހި ސަރުކާރުން ބޭރުގެ ޤައުމުތަކާ މަޝްވަރާކޮށް ފައިސާ ހޯދުމާއި ދެވަނަ ގޮތަކީ ބައިނަލްޢަޤްވާމީ މާލީ އިދާރާތަކާއި މަޝްވަރާކޮށްގެން ފައިސާ ހޯދުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި 150 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބޭނެކަމަަށް ލަފާކޮށްފައިވާއިރު އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ލިބިފައިވާކަމަށެވެ. މިނިސްޓަރ ވަނީ ބާކީ އޮތް ޢަދަދުވެސް ލިބޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން އިލްތިމާސްކުރައްވަނީ ކޯވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުން އިކޮނޮމިކިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީކުރުމަށެވެ. މިހާތަނަށް އެ ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވަނީ 292 މީހުންނެވެ.
އަންނަ ހަފްތާއިންފެށިގެން ސަރުކާރުގެ "ސްޓިމިއުލަސް ޕެކޭޖު"ގެ ފައިސާ ދޫކުރަން ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.