މިނިމަމް ވޭޖް ކަނޑައެޅުމާއި އާ ޓެކްސްތައް ތަންފީޒް ކުރަން މިއީ އެންމެ ރަގަޅު ދަނޑިވަޅު ނޫން ކަމަށް ކުރީގެ ގަވަރނަރ ފަޒީލް ނަޖީބް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ދިރާސާ ރިޕޯޓުތައް ހިމަނައިގެން މަހަކު އެއްފަހަރު ނެރޭ 'މޯލްޑިވްސް އިކޮނޮމިކް ރިވިއު'ގައި ފަޒީލް ނަޖީބް ލިޔުއްވާފައިވާ އަރޓިކަލްއެއްގައި ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރުތަކާއި، މިހާލަތުގައި އަޅަން އެންމެ އެކަށޭނަ ފިޔަވަޅުތަށް ފާހަގަކުރައްވާފައެވެ. އަދި އިޤްތިސާދު ނަގަހައްޓާ އާއްމު ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ވިޔަފާރިތަކުން ދައްކަންޖެހޭ ތަފާތު ޓެކްސްތައް ލުއިކޮށްދިނުމާއި، މިނިމަމް ވޭޖް ކަނޑައެޅުމާއި އާ ޓެކްސްތައް ތަންފީޒް ކުރުން ފަސްކުރަން ޖެހޭ ކަމަށް ފަޒީލް ނަޖީބް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަންޖެހޭ ކަންވެސް ފަޒީލް ފާހަގަކުރެއްވިއެވެ.
ފަޒީލްވަނީ ސަރުކާރުގެ ޙަރަދުތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ދެމަސްދުވަހަށް ސަރުކާރު އޮފީސްތަކުގެ މަސައްކަތްކުރާ ގަޑިން ދެގަޑިއިރު ކުޑަކުރުމާއި، އަދި ކުރާ ދަތުރުތައްވެސް މަދު ކުރުން ފަދަ ކަންތައްތައް ކުރެވިދާނެ ކަމަށް ފަޒީލް ވިދާޅުވިއެވެ.
މާލީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަންވެސް ހޯދުން މުޙިއްމު ކަމަށްވެސް ފަޒީލް ވަނީ ވިދާޅުވެފައެވެ.
ދިވެހި ސަރުކާރުންދަނީ މިހާލަތުގައި ކުދި ވިޔަފާރިތަކަށާއި ބޮޑެތި ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް ވަމުންދާ ގެއްލުންތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭންކުތަކާއި ގުޅިގެން އާއްމުންނަގާފައިވާ ލޯންތައް އަބުރާ ދެއްކުމުގައި ލުއިގޮތްތަކެއް ވަނީ ހަމަޖައްސާދީފައެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ ލިބޭނެ މަގުވެސް ސަރުކާރުން ވަނީ ފަހިކޯށްދެއްވާފައެވެ.