ޚަބަރު

ކޯވިޑް-19 : މާރިޗު މަހުގެ 14ވަނަ ދުވަހުން ފެށިގެން ރާއްޖެއައި 50އަށްވުރެ ގިނަ މީހަކު ޓެސްޓްކުރަނީ


މާރިޗު މަހުގެ 14ވަނަ ދުވަހުން ފެށިގެން އިގިރޭސިވިލާތުން ރާއްޖެއައި 50އަށްވުރެ ގިނަ ދިވެހިން ކޯވިޑް-19އަށް ސްކްރީން ހަދައި ޓެސްޓްކުރުމުގެ މަސައްކަތް އެޗްޕީއޭއިން ފަށައިފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ދަތުރުފަތުރުކުރުން މަނާކުރުމުގެ ކުރިން އިގިރޭސިވިލާތުން ރައްޖެއައި އެންމެންގެ ކޮންޓެކްޓް ސްކްރީން ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ފަށާފައިވާކަމަށެވެ.

އެގޮތުން މިމަހުގެ 14ވަނަ ދުވަހުން ފެށިގެން އިގިރޭސިވިލާތުން ރައްޖެއައި އެންމެންގެ ކޮންޓެކްޓް ސްކްރީން ހަދައި ކޯވިޑަށް ޓެސްޓްކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށާ، އެމުއްދަތުގައި ރާއްޖެއައި ދިވެހިންގެ ޢަދަދު 50އަށްވުރެ ގިނަކަމަށް މަބުރޫކް ވިދާޅުވިއެވެ.

އިގިރޭސިވިލާތުން ރާއްޖެއައި މީހުންގެ ޓެސްޓްކުރުމަށް ނިންމާފައިވަނީ އެޤައުމަކީ މިބައްޔަށް ރިސްކު ބޮޑު ޤައުމަކަށްވެފައި އެޤައުމުންއައި ދެދިވެހިން ކޯވިޑް-19އަށް ޕޮޒިޓިވްވުމުންކަމަށެވެ. އަދި މިކަމުގައި އެޗްޕީއޭއިން މިގޮތަށް އަމަލުކުރުމަށް ނިންމާފައިވަނީ މުޅި ރައްޔިތުންގެ ސަލާމާތާއި ރައްކެރިކަމަށްޓަކައި ކަމަށެވެ.

މާލޭގެ ބައެއް ގޭގޭގައި ތިބި ބައެއްމީހުންގެ ގައިން ނަގަމުންދާ ސާމްޕަލްތަކާ ގުޅިގެން މަބުރޫކް ވިދާޅުވީ މިޙާލަތުގައި ކިރިޔާ ޝައްކުކުރެވޭ ޢަލާމާތެއްހުރި މީހެއް ފެނުނަސް އެމީހަކު ގޭގައި އައިސޮލޭޓްކޮށް ޓެސްޓް ކުރެވެމުންދާކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ 98 ގެއިން ސާމްޕަލްތަކެއް އެކިފަހަރުމަތީން ނެގިފައިވާކަމަށެވެ. އަދި މާލޭގެ 16 ގެއެއްގެ ސާމްޕަލް ނަގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާގައި އުޅޭ ދިވެހިްނގެ ޙާލަތާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ އެޤައުމުގެ ސަރުކާރުން އެޤައުމުގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޚީ ފަރުވާއާއި، ހިލޭ ބޭސްފަރުވާގެ އެންމެހައިކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. އަދި މިވަތު މިލޭޝިއާއިގައި ދިރިއުޅޭ ރައްޖޭގެ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވެގެން އެފަދަ ޝަކުވާއެއް ލިބިފައިނުވާކަމަށް މަބުރޫކް ވިދާޅުވިއެވެ.