ކޯވިޑް-19 އާއި ގުޅިގެން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ބާއްވާގޮތަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމަށް ސަރުކާރުން ނިންމަވައިފިއެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން އިޢުލާންކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވީ ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅިގެންނެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމަށްނިންމައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް އީސީން ހުށައެޅިއެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ނަގާފައި ވަނީ މި މައްސަލައަށް އަވަސް ޙައްލެ ރައްޔިތުންގެ މަޖިލީހުން ގެނެސްދޭނެކަމަށް ވިދާޅުވުމުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޖެނުއަރީ މަހުގެ ހަވަނަ ދުވަހަށް ފަސްކުރުމަށް ޚާއްޞަ ޤާނޫނެއް ޑްރާފްޓްކުރުމުގެ މައްސައްކަތް ފަށާފައިވާކަން ޕީއެސްއެމް ނިއުސްއަށް ވަނީ ކަށަވަރުވެފައެވެ. މި ޑްރާފްޓް ނިންމައި މިހަފްތާގެ ތެރޭގައި މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަލަށް އެކުލަވާލާ "ކައުންސިލް އިންތިޚާބުގެ ޚާއްޞަ ގާނޫނު"ގެ ނަމުގައި އެކުލަވާލާ މި ޤާނުނުގެ މަޤްޞަދަކީ، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތާރިޚްގައި ނުބޭއްވޭނެތީ އެކަމަށް ހައްލެއް ހޯދައި ދިނުމެވެ. މި ޤާނޫނު އެކުލަވާލަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނިމުމުން އެ ޤާނޫނު އުވިގެންދާނެ ގޮތަށެވެ.
ޕީއެސްއެމް ނިއުސް އާއި ވާހަކަފުޅު ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އެ ކޮމިޝަންގެ ފަރާތުން އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިޞްލާހު ހުށައެޅުމަށް ނިންމަވާފައި ވަނީ، މިހާރު ރާއްޖޭގައި އޮތް ބަލިމަޑުކަން ނިމުނުކަން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އިޢުލާންކުރާ ދުވަހުންފެށިގެން ފަސް ދުވަހުގެ ތެރޭގައި ތާރީޚެއް އިޢުލާންކުރާގޮތަށް ކަމަށެވެ. ނަމަވެސް ބަންޑާރަ ނާއިބުގެ އޮފީހުން ކައުންސިލް އިންތިޚާބާ ގުޅޭ ޚާއްޞަ ބިލެއް އެކުލަވާލަމުން އަންނަކަން އެނގިވަޑައިގެންފައި ވާކަމަށާއި، މިކަމުގެ މަޢުލޫމާތު މަޖިލީހުން އަދި ހިއްސާކުރައްވާފައި ނުވާކަމަށެވެ. ނަމަވެސް މި ހަފްތާގެ ތެރޭގައި މިކަމާއި ގުޅޭ މަޝްވަރާތައް މަޖިލީހާއި އެކު ކުރިއަށްދާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.
މިހާރު ޢަމަލުކުރަމުން އަންނަ އިންތިޚާބުތަކާއި ބެހޭ ޤާނޫނު ބުނާގޮތުން އިންތިޚާބު ބާއްވައި އައު ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭނީ މިހާރު ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ ތިރީސް ދުވަހުގެ ކުރިންނެވެ. އެހެންކަމުން އިންތިޚާބު ފަސްކުރެވޭނެ އެންމެ ފަހު ތާރީޚަކީ މޭ މަހުގެ ތިިންވަނަ ދުވަހެވެ.
ކޯވިޑް-19 އާއި ގުޅިގެން ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފައިވާއިރު، ޤާނޫނުގައި ބުނާ ގޮތުން އިންތިޚާބު ފަސްކުރެވޭނީ ޤައުމަށް 2 ހާލަތެއް މެދުވެރިވެގެންނެވެ. އޭގެތެރެއިން އެއްހާލަތަކީ ޞިއްޙީގޮތުން ޤައުމަށް ދިމާވާ ކަމަކާ ގުޅިގެން އިންތިޚާބު ފަސްކުރަންޖެހުމެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ މިޙާލަތުގައި މީހުން ގިނައިން އެއްވާ އެއްވުންތައް ނުބާއްވައި، އެފަދަ ޙަރަކާތްތައް ނުހިންގުމަށްވެސް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.