ޚަބަރު

އެއްވެ އުޅުން މުޅިން ހުއްޓުމަކަށް ގެންނަވާ - ރައީސް


ކޯވިޑް-19ގެ ނުރައްކާތެރިކަމުން ޤައުމު ސަލާމަތްކުރުމަށް ފުލުހުން ކުރައްވާ މަސައްކަތުގެ އަގުޒަންކުރުމުގެ ގޮތުން ބޭރަށް ނުނިކުމެ ގޭގައި ތިބެ މީހުން އެއްވެ އުޅުން މުޅިން ހުއްޓުމަކަށް ގެނައުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ މުޅި ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް، ކުރާ ޤައުމީ މަސައްކަތުގައި، ދިވެހި ފުލުހުން އަދާކުރަމުން އެއަންނަނީ ވަރަށް މުހިންމު އަދި އެހާމެ ނުރައްކާތެރި ދައުރެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފުލުހުން އެ ނުރައްކަލާ ކުރިމަތިލައްވައިގެން، ކުރީ ސަފަށް ނުކުމެ އެތިއްބެވީ، ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައިކަމަށެވެ.

" މި ބައްޔަށް ޕޮޒިޓިވްވާ މީހުން ކޮރަންޓީން ކުރާ ތަންތަނާއި، ބައްޔަށް ޝައްކުކުރެވޭ މީހުން އެކަހެރިކޮށްފައި ބައިތިއްބާ ތަންތަނާއި، ރިސޯޓްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އެއަންނަނީ ދިވެހި ފުލުހުން. މިއީ ވަރަށް ނާޒުކު އަދި ވަރަށް ނުރައްކާތެރި މަސައްކަތެއް. އެހެން ނަމަވެސް، ފުލުހުން އެ ނުރައްކަލާ ކުރިމަތިލައްވައިގެން، ކުރީ ސަފަށް ނުކުމެވަޑައިގެން އެތިއްބެވީ، ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި" ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ދަނޑިވަޅުގެ ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައި، އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަށް މަސައްކަތްކުރާ ބަޔަކު ވެސް، މުޖްތަމަޢުގައި އެބަތިބިކަމަށެވެ. އެފަދަ ކަންކަމަށް ސަމާލުވެ، އެކަންތައް ހުއްޓުވުމުގައިވެސް ފުލުހުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިވަގުތު ފުލުހުންގެ އެ ބުރަ އެހާމެ ނުރައްކާތެރި މަސައްކަތުގެ އަގުވަޒަންކުރަން ދިވެހި ރައްޔިތުންނަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑުމެން އެންމެން، އެބޭފުޅުން އެކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭނެ. މިވަގުތު އެކަމުގެ އަގު ވަޒަންކުރުމަކީ، އެބޭފުޅުންގެ އެ މަސައްކަތް ކާމިޔާބުކުރުމަށް ފުރުޞަތު ދެއްވައި، އަޅުގަނޑުމެން ބޭރަށް ނުނިކުމެ ގޭގައި ތިބުން. މީހުން އެއްވެ އުޅުން މުޅިން ހުއްޓުމަކަށް ގެނައުން" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ޚިތާބުގައިވެސް ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރާއި ސިއްހީ ޚިދުމަތްތެރިން އަންގާ އެންގުންތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށްވެސްވަނީ ގޮވާލައްވާފައެވެ. މިގޮތުން ގެއިން ބޭރުގައި އުޅޭ ވަގުތު މިހާރަށް ވުރެ ވެސް މަދުކޮށްދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވީ އެންމެ އަވަހަކަށް ޢާންމު ދިރިއުޅުމުގެ ޙާލަތަށް އެނބުރި ދިއުމަށްޓަކައި، ހުރިހާ އެންމެންވެސް މިދުވަސްކޮޅު ގޭގައި މަޑުކޮށްލަދެއްވުމަށް ރައީސް ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.