ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ރަނގަޅުވި މީހުންގެ ޢަދަދު 11އަށް


ކޯވިޑް-19އަށް ޕޮޒިޓިވް ވެގެން ރާއްޖޭގައި ފަރުވާދެމުންދިޔަ 14 މީހުންގެ ތެރެއިން 11 މީހަކު ރަނގަޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮވިޑް-19 ޓާސްކް ފޯސްގެ ޓެކްނިކަލް ޓީމްގައި ހިމެނިވަޑައިގެންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ. މުޢާޒް މޫސާއެވެ.

ޑޮކްޓަރ މުޢާޒް ވަނީ މިއަދު އިތުރު 2 މީހަކު ރަނގަޅުވީކަން ޢިއުލާންކުރައްވާފައެވެ. އެއާއެކު މިހާރު މިވަނީ ރަނގަޅުވީ މީހުންގެ ޢަދަދު 11 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާދެމުން ދަނީ 3 މީހަކަށެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 16 މީހެއް:

  • ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
  • ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
  • ކުރަމަތި މޯލްޑިވްސްއިން 2 މީހުން
  • ސަފާރީއަކުން 2 މީހުން
  • އަނަންތަރަ ދިގު މޯލްޑިވްސްއިން 2 މީހުން
  • އިގިރޭސި ވިލާތުން ރާއްޖެ އައި ދިވެއްސެއް
  • ރާއްޖެއިން އިޓަލީއަށް ފުރައިގެންދިޔަ 2 މީހެއް

މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 3 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 11 މީހެކެވެ. ބަލިން ރަނގަޅުވި 11 މީހުން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާގޮތަށް 30 ދުވަހުގެ ކަރަންޓީނަކަށްފަހުގައެވެ.

ރާއްޖެއިން އިއްޔެ ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީނަށް ކަނޑައަޅާ މުއްދަތު ހަމަކޮށް ފުރުވާލިފަހުންކަމަށް ނޭޝަނަލް އެމެޖެންސީ ސެންޓަރުން ވަނީ ރޭ ވިދާޅުވެފައެވެ.

މިދެމީހުންނަކީ ރާއްޖެއައި އިޓަލީގެ ސަފާރީއެއްކަށްވާ އައިލެންޑް ސަފާރީގައި ތިބި ދެމީހެކެވެ. މިމީހުންނާމެދު އެޗްޕީއޭއިން ޢަމަލުކޮށްފައިވަނީ ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުންވެސް މިކަމުގައި ޢަމަލުކުރަމުންދާ އުސޫލުުންކަމަށް އެފަރާތުން ވިދާޅުވެއެވެ.

ސަފާރީގައި ތިބި މީހުންގެ ތެރެއިން ފުރައިގެންދިޔަ އެންމެންގެވެސް ޓެސްޓްކޮށްފައި ވާކަމަށާ، އޭގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެންގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

އައިލެންޑް ސަފާރީގައި ތިބީ ޖުމުލަ 32 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ގެސްޓުންނާއި، 16 ކްރޫއިންނެވެ. އެއީ 10 ބިދޭސީންނާއި، 6 ދިވެހިންނެވެ.

ރާއްޖެއިން އިއްޔެ ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުމުގެ ކުރިންވެސް މިސަފާރީން 2 މީހަކު ޕޮޒިޓިވްވެ، މިމަހުގެ 15ވަނަ ދުވަހުން ފެށިގެން އެދެމީހުން އައިސޮލޭޓްކޮށް ފަރުކޮޅު ފުށީފައި ދަނީ ފަރުވާދެމުންނެވެ.