ކުޑަ ޤައުމަކަށް ވިޔަސް ކޯވިޑް-19ގެ ކަންކަމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަކީ ތަޢުރީފް ހައްޤު ހަރުދަނާ މަސައްކަތްތަކެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަވާ މަންދޫބު، ޑރ.އަރްވިންދް މާތޫރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ޑރ.މާތުރު ވިދާޅުވީ ކުޑަ ޤައުމެއްކަމުގައިވިޔަސް ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ގުޅިގެން ދުރާލާ ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަން ޑރ.މާތުރު ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ އިސްނެންގެވުމާއި، ކަމާބެހޭ ދާއިރާތަކުން ގުޅިގެން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަކީ ތައުރީފް ހައްޤުވާވަރުގެ މުހިންމު އަދި ހަރުދަނާ މަސައްކަތްތަކެއް. އަނެއްކޮޅުން ސިއްހީ އިދާރާތަކުގެ ލަފަޔާއި އިރުޝާދަށް ބޯލެބުމުގައި ދިވެހި ރައްޔިތުންވެސް ދައްކަނީ ތައުރީފް ހައްޤު މިސާލެއް. ކަމާބެހޭ ފަރާތްތަކުން ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި، އެހެން ކަންކަމުގައި ނަގަމުންދާ ފިޔަވަޅުތަކަކީ ފާހަގަކުރަންޖެހޭ ކަންކަމަކީ ޑަބްލިއުއެޗްއޯއާއި ދުނިޔޭގެ އެހެން ކަމާބެހޭ އެހެން އިދާރާތަކުގެ ލަފަޔާއި އިރުޝާދުގެ މައްޗަށް ބިނާކޮށްފައިވާ ފިޔަވަޅުތަކެއް." މާތޫރު ވިދާޅުވިއެވެ.
މާތޫރު ވިދާޅުވީ ރާއްޖޭގެ އިދާރާތަކުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ދެފުއްފެންނަ ނިޒާމެއްގެދަށުން ޢާންމުންނަށް ތެދު މަޢުލޫމަތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން މިޙާލަތުގެ ވަރަށްކުރީކޮޅުން ފެށިގެން ރާއްޖޭގައި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރާއި ޓެކްނިކަލް އެޑްވައިޒަރީ ބޯޑެއް އެކުލަވާލައި ކުރައްވަމުންދާ މަސައްކަތްތައް ޑރ.މާތޫރު ފާހަގަކުރެއްވިއެވެ.
"ވަރަށް މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުން. ނަމަވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އެޅި ހުރިހާ ފިޔަވަޅެއްގެ ތެރެއިންވެސް އެންމެ ފާހަގަކުރެވޭ، އަދި މުހިންމު ފިޔަވަޅަކީ މިކަންތައް ފެށުނީއްސުރެން އަންމުން ހޭލުންތެރިކޮށް، އާންމުންނަށް ދެފުއްފެންނަ ގޮތަށް ވަގުތުން ވަގުތަށް މައުލޫމާތު ދޭ ކަން. ޕްރެސް ކޮންފަރެންސްއާއި، ސޯޝަލް މީޑިއާ އަދި ޓީވީ ރޭޑިއޯ އަދި އެހެން ގޮތްގޮތުންވެސް ކަމާބެހޭ ފަރާތްތަކުން އާންމުންނަށް ވަގުތުން ވަގުތަށް ދެފުއްފެންނަ ގޮތަށް މައުލޫމާތު ދެމުން ދިއުމަކީ ވަރަށް ރަގަނޅު ކަމެއް." ޑރ. މާތޫރު ވިދާޅުވިއެވެ.
ޑރ.މާތޫރު ވިދާޅުވީ ކޯވިޑް-19ގެ ކަންކަމުގައި ކަމާބެހޭ ފަރާތްތަކެކޭ އެއްގޮތަށް ޢާންމުންގެ ޒިންމާވެސް ބޮޑުކަމަށެވެ. އަދި ރާއްޖޭގައި އާންމުކޮށް މިބަލި އަދި ނުފެތުރުނަސް ފަރުވާކުޑަނުކޮށް، އިޖްތިމާއީ ގައިދުރުކަން ދަމަހައްޓައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް ކަންކުރުމަށް ޑރ.މާތޫރު ރާއްޖޭގެ އާންމުރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.