ޚަބަރު

ސަފާރީން ޕޮޒިޓިވް ވި އެކަކު ދަރުމަވަންތައަށް ބަދަލުކުރަނީ


އައިލެންޑް ސަފާރީން ކޯވިޑް-19 އަށް ޕޮޒިޓިވް ދެ ބީދޭސީންގެ ތެރެއިން އެކަކު ދަރުމަވަންތަ އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މި މިހާ ދަރުމަވަންތަގެ ޑީއެޗް-11 އަށް ބަދަލުކުރަނީ އެމީހާގެ ހާލަތު އިތުރަށް ބަލާ މޮނީޓަރކުރުމަށްކަމަށެވެ.

ކޯވިޑް-19 އަށް ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ސީސީޔޫއަކީ ނޭވާލާ ނިޒާމަށް ޖެހޭ މައްސަލަތައް ބަލާ މޮނީޓަރ ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

ރާއްޖެއިން ކޯވިޑް -19 އަށް ޕޮޒިޓިވް ވި އިޓަލީގެ ދެމަފިރިއަކަށްވެސް އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސީސީޔޫގައި ފަރުވާދެމުންނެވެ. މި ދެމީހުން އެތަނަށް ބަދަލުކުރީ އުމުރުން ދުވަސްވެފައިވާ ދެ މީހުންނަށްކަމަށް ވުމުން އިތުރު ފަރުވާ ބޭނުންވާތީކަމަށް އެޗްޕީއޭއިން ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މިތަނަށް ބަދަލުކުރި އުމުރުން 70 އަހަރުގެ މީހާ އެތަނަށް ބަދަލުކުރި އިރު ހަށިގަޑަށް ބޭނުންވާ އޮކްސިޖަން އުފައްދާ ނުދޭތީ އޭނާއަށް މެޝިންގެ އެހީގައި ފަރުވާދެމުން އައިނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ދުނިޔޭގައި މިހާރު ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 އަށް ރާއްޖެއިން 13 މީހަކު ވަނީ ޕޮޒިޓިްވެފައެވެ. މި އެންމެނަކީވެސް ބިދޭސީންނެވެ. ރާއްޖެއިން މި ވައިރަސް ފުރަތަމަ ފެނުނީ މި މާރޗްމަހުގެ 7 ވަނަދުވަހުއެވެ. މި ބަލީގެ މީހަކު ފުރަތަމަ ފެނިފައިވަނީ ކުރެއްދޫ ރިސޯޓުންނެވެ. އޭގެ ފަހުން މި ބައްޔަށް އެ ރިސޯޓުން 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބަތަލާއިން 2 މީހަކާއި ކުރަމަތިން 2 މީހަކާއި އަނަންތަރަ ދިގު ރަށުން 2 މީހަކާއި އައިލެންޑް ސަފާރީވެސް 2 މީހަކުވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.